މޯލްޑިވްސް ޕޮލިސް ސާވިސް

އިންޑިއާގެ ރިހެބުން ގެއްލުނު ދިވެހި ޒުވާނާ ފެނިއްޖެ

އިންޑިއާގެ ބެންގަލޫރުގެ ރިހިބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ގެއްލުނު ދިވެހި ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އިންޑިއާގެ ރީހެބުން ގެއްލުނު ކަމަށް ބުނާ ދިވެހި ޒުވާނާ ފެނިފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާފައިވަނީ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް (37 އ) އެވެ.

އާލިމް ގެއްލުމުގެ ކުރިން އެންމެ ފަހުން އޭނާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު އެވެ. އެގޮތުން އެދުވަހު ހެނދުނު ރިހެބުން ބޭރަށް ހިނގާލަން ދިއުމަށްފަހުގައި އާލިމް އަނބުރާ އައިސްފައެއް ނުވެ އެވެ.

ރިހިބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން ވެސް ވަނީ އާލިމް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން އާލިމްގެ އާއިލާއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ފޮރިން މިނިސްޓްރީއަށް ވެސް އާލިމް ގެއްލިގެން އުޅޭކަން އަންގައި، އެހީއަށް އެދިފަ އެވެ.

އާލިމް ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.