މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ރައީސް ޝަހުބާނަށްވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފި

May 15, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ އަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފި އެވެ.

ޝަހްބާން ފަހްމީ އަށް މިތުހުމަތުކޮށްފައިވަނީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ.

ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޝަހްބާނަށް އަންގާފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:00 ޖަހާއިރު އެވެ.

ފުލުހުން މިއަދު ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފަ އެވެ.

އަލްހާނަށް ވެސް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ. ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަލްހާނަށް އަންގާފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

ކިންގްސްއާ އެކު ޓްރޭޑްކޮށްފައިވާ ބައެއް މީހުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ދާދި ފަހަކާ ޖެހެންދެން ކިންގްސް ކުންފުނިން ވަނީ އިންވެސްޓަރުންގެ ފައިސާ ހުރި ކަމާއި މައްސަލައެއް ދިމާވެއްޖެނަމަ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އިންވެސްޓަރުންގެ މެސެޖުތަކަށް ކުރިން ޖަވާބު ދިން ނަމަވެސް މިހާރު ވަކިވަކި އިންވެސްޓަރުންނަށް އެ ކުންފުނިން ޖަވާބު ނުދޭ ކަމަށްވެސް ބައެއް އިންވެސްޓަރުން ބުނެފައިވެ އެވެ. ކިންގްސް ކުންފުނިން މިހާރު ވަނީ އެ ކުންފުނިން ހިންގި ސްކީމް ހުއްޓާލާފަ އެވެ.

ކިންގްސް ކުންފުނިން އޮންލައިން ޓްރޭޑް ކުރުން ޓެލެގްރާމް ޗެނަލެއްގައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް އެ ކުންފުނީގެ ސްކީމު ކުއްލި އަކަށް ފުޅާކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ކިންގްސްގެ ވިޔަފާރި މުއާމަލާތްތައް ހިންގަމުން ދިޔަ ގޮތުން ދައުލަތުގެ އިދާރާތަކުން އެ ކުންފުނީގެ ސްކީމް ހުއްޓުވިއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި 80 މިލިއަނެއްހާ ރުފިޔާ ސްކީމުގެ ތެރެއިން ރޯލްކޮށްފައިވާ ކަމަށްވެ އެވެ. ސްކީމުގައި ގާތްގަނޑަކަށް 2،000 މީހުން -- މީހަކު އެންމެ މަދުވެގެން ވެސް 10،000 ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އަދި މި ސްކީމް ޕްރޮމޯޓް ކުރަން ގެންގުޅުނު ޓެލެގްރާމު ޗެނަލްގައި ވެސް 9،000 އަށް ވުރެ ގިނަ މީހުން ތިބެ އެވެ.

ކިންގްސް ކުންފުނިން ހިންގި ސްކީމުގެ ތެރެއިން ގެއްލުން ލިބުނު މީހުން ޝަކުވާ ހުށަހަޅަން ކަމާ ގުޅޭ އިދާރާތަކުން އެންގުމުން 1،500އާ ގާތްކުރާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

ކިންގްސް ކުންފުނިން ހިންގީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް އެ ކުންފުނިން އަބަދުވެސް ދޮގުކުރެ އެވެ.