ފޮރިން މިނިސްޓްރީ

އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ފަރަހަނާޒް

Apr 26, 2022

އޭޝިއާ ބައްރުގެ އެންމެ މޮޅު ޑިޕްލޮމެޓިކަށް ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހްނާޒް ފައިސަލް ހޮވިއްޖެ އެވެ.

މިއީ އިނގިރޭސިވިލާތުގެ "ޑިޕްލޮމެޓް މެގަޒިން" އިން އިންތިޒާމު ކޮށްގެން ހޮވާ "ޑިޕްލޮމެޓް އެވޯޑްސް" ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ޑިޕްލޮމެޓް މެގަޒިން އަކީ ހާރިޖީ ދާއިރާގެ ހަބަރުތަކާއި އެ ދާއިރާގެ ބޭފުޅުންގެ މައުލޫމާތު ހިމަނައިގެން 1974 ވަނަ އަހަރުން ފެށިގެން ނެރެމުންދާ މަޖައްލާ އެކެވެ.

ފަރަހަނާޒަށް އެވޯޑް ލިބުނީ އޭޝިއާ އަދި އޯޝޭނިއާގެ ބައެއް ގައުމުތަކުން އެވޯޑަށް ހޮވާލެވުނު ނަންތަކުގެ ތެރެއިންނެވެ.

އޭނާ އަށް އެވޯޑު ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޯގެ މާޝަލް -- ވިލިއަމް އެލިސްޓާ ހެރިސަން އެވެ.

ފަރަހަނާޒަށް އެވޯޑް ލިބުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އޭނާ އަށް މަރުހަބާ ދަންނަވާފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ފަރަހަނާޒް ވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ޑރ. ފަރަހަނާޒް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ކަން އެންމެ ފުރަތަމަ ކުރެއްވީ 2009 އިން 2012 އަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެފަހުން އަލުން އެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އައްޔަންކުރެއްވީ އެޕްރީލް 18، 2019 ގައެވެ.

ޑިޕްލޮމެޓް މެގަޒިން އަކީ ހާރިޖީ ދާއިރާގެ ހަބަރުތަކާއި އެ ދާއިރާގައި ހިދުމަތްކުރައްވާ ބޭފުޅުންގެ މައުލޫމާތު ހިމަނައިގެން 1947 ވަނަ އަހަރުން ފެށިގެން ނެރެމުންދާ މަޖައްލާ އެކެވެ.