ދުނިޔެ

ޕެރިހަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން މަރާލައިފި

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ފްރާންސްގެ ޕެރިސް އަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވި އައިސިސްގެ ދެ ހަނގުރާމަވެރިއަކު މަރާލައިފި އެވެ.

މިދެމީހުން މަރަލީ މިމަހުގެ ތެރޭގައި ސީރިޔާ އަދި އިރާގަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށް އެމެރިކާ ސިފައިންގެ އޮފިޝަލެއް ބުންޏެވެ.

އޮފިޝަލް ބުނީ ފްރާންސަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޝަރަފް އަލް މޫދާން އަކީ ޕެރިސް އަށް ހަމަލާދިން 10 މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އޭނާ މަރާލީ އިރާގަށް ދިން ހަމަލާއެއްގައި ކަމަށެވެ. މޫދާން މަރުވި ކަމަށް އެމެރިކާ ސިފައިން ބުނަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.

" ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އައިސިސްގެ ލީޑަރުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގައި 10 މީހުން ވާނީ މަރާލާފައި. އެމީހުންގެ ތެރޭގައި ޕެރިސް ހަމަލާ އާއި ގުޅުން ހުރި މީހުންވެސް މަރުވި" އޮފިޝަލް ބުނެފައިވެ އެވެ. މިދިަ މީހުންނަކީ އައިސިސް ޖަމާއަތުގެ މެދު ފަންތީގެ ހަނގުރާމަވެރިން ކަމަށް އޮފިޝަލް ގަބޫލު ކުރެ އެވެ.

މޫދާން ވަނީ މިއަހަރުގެ ނޮވެމްބަރު މަހު ސީރިޔާ އަށް ދަތުރުކޮށްފަ ކަމަށާއި ނަމަވެސް އެއީ ޕެރިސް އަށް ހަމަލާ ދިނުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އެމެރިކާ ސިފައިންނަކަށްވެސް ޔަގީނެއް ނުވެ އެވެ. ޕެރިސް އަށް ދިން ޓެެރަރިސްޓް ހަަމަލާގައި 130 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމް ވެފަ އެވެ.

މޫދާން މަރާލީ އިތުރު ޓެރަރިސްޓް ހަމަލާތަކެއް ދޭން ރާވާ ތައްޔާރުވަމުން ދަނިކޮށް ކަމަށް އޮފިޝަލް ތުހުމަތު ކުރި އެވެ.

ޕެރިސް އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރާ އަބްދުލް ކަދީރް ހާކިމް މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިރާގުގެ މޫސުލް އަށް ދިން ހަމަލާއެއްގަ އެވެ.

ޕެރިސް އަށް ދިން މި ހަމަލާ އައިސިސް ޖަމާއަތުން ނަގަން ޖެހޭނެ ކަމަށް އެގައުމުގެ ރައީސް ފްރެންސިސް ހޮލޭންޑް ވަނީ ވިދާޅުވެފަ އެވެ.