މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މީދަލެއް ކުނިވެ އިކޮނޮމިކް މިނިސްޓްރީގެ ބައެއް ހިދުމަތް ހުއްޓިއްޖެ

މީދަލެއް ކުނިވެ ނުބައި ވަސް ދުވާތީ، އިކޮނޮމިކް މިނިސްޓްރީން އާންމުންނަށް ދެމުން ގެންދިޔަ ހިދުމަތްތައް މެދުކަނޑާލައި، އޮފީސް ބަންދު ކުރުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ. މިއަދު ހިދުމަތް މެދުކަނޑާލާފައިވަނީ 10:25 ހާއިރުއެވެ. އޮފީސް ސާފުކޮށް އެއާ ފްރެޝްނާ ޖެހުމަށްފަހު އަލުން އޮފީސް ހުޅުވައި ހިދުމަތް ފެށުނީ 11:00 ޖަހަން އުޅެނިކޮށެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަލީ ވަހީދު ވިދާޅުވީ ހެނދުނު މުވައްޒަފުން އޮފީހަށް ދިޔައިރު، ހިދުމަތްދޭ ކައުންޓަރުންގެ ތިރިން ނުބައި ވަހެއް ދުވާ ކަމަށާއި އެ ވަހުގެ ސަބަބުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އުނދަގޫވަމުން ދިޔަ ކަމަށެވެ. އެހެންކަމުން ވަސް ދުވާ ސަބަބު ހޯދުމަށް ކުޑަ ވަގުތުކޮޅަށް ހިދުމަތް މެދުކަނޑާލަން ޖެހުނީ ކަމަށް ވިދާޅުވިއެވެ.

ބައި ގަޑިއިރެއްހާއިރު އޮފީސް ބަންދުކުރުމަށްފަހު މިހާރު އަލުން ހުޅުވައި، ހިދުމަތްތައް މެދުކެނޑުމެއްނެތި ދެމުން އަންނަ ކަމަށް އަލީ ވިދާޅުވިއެވެ. އަދިވެސް ވަސް ދުވާ ކަމަށާއި އެކަމަށް ހައްލެއް ހޯދިފައިނުވާތީ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ގިނައިރު އޮފީސްގައި ނުބައިތިއްބާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފޯމްއާ ހަވާލުވެ، އިތުރު މައްސަލައެއް އުޅޭނެނަމަ ގުޅާނެ ކަމަށް ބުނެ ހިދުމަތް ހޯދާ ފަރާތްތަކުން ފޮނުވާލަނީ ކަމަށް އަލީ ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ މުވައްޒަފެއް މައުލޫމާތު ދިން ގޮތުގައި މިއަދު އޮފީހަށް ދިޔައިރު ނުބައި ވަހެއް ދުވާ ކަމަށާއި ސީދާ އެއީ ކޮން ވަހެއް ކަމަށް ބުނަން ނޭނގުނު ނަމަވެސް އެންމެ ލަފާކުރެވޭނީ އެއީ މީދަލެއް ކުނިވެގެން ދުވާ ވަހެއްގެ ގޮތުގަ ކަމަށެވެ.