އެލައިޑް އިންޝުއަރެންސް

އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް ސާޕްލަސްއެއް ބަހަނީ

Apr 29, 2022

އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް ގެ ކަސްޓަމަރުންނަށް 2019 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން ނިންމައިިފި އެވެ.

އަޔާދީ ތަކާފުލްއިން 2019 ވަނަ އަހަރުގެ ސަރޕްލަސްގެ ގޮތުގައި ބަހަން ނިންމާފައިވަނީ 1,520,537 ރުފިޔާ އެވެ. ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް އެދި ހުޅައެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާ އަށް ބެލުމަށްފަހު، 2019 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން 2019 ގެ ސާޕްލަސް ބެހުމަށް ޝަރުތު ހަމަވާ ޖުމްލަ 2,389 ބައިވެރިންނަށް ސާޕްލަސް ބެހުމަށް ކަނޑައެޅިފައިވަނީ ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު އަދި ފަޔާ އާއި މޮޓޯ އަދި ހަލްގެ އިތުރުން ޓްރެވަލް އާއި ހައްޖާއި އުމްރާ ތަކާފުލް އަދި ކާގޯ ތަކާފުލް 2019 ގައި ނަގާފައިވާ ފަރާތްތަކުގެ މެދުގަ އެވެ.

ސާޕްލަސް ބެހުމަކީ ކޮބާ؟
ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ-ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް- އުނިކުރުމަށްފަހު، ބާކީ ފައިސާ ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އަށް ކިޔާ ނަމެވެ. މި ފައިސާ އަށް ބައިވެރިންގެ ފަންޑުގެ ފައިދާ އޭ ވެސް ކިޔަ އެވެ.

އަޔާދީ ތަކާފުލް އިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ކޮންޓްރިބިއުޓަރުން ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެގޮތުގައި ނަގާ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ ފަންޑެއްގައި "ބައިވެރިންގެ ފަންޑު" ގައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލް އަށް ދައްކާ ފީ ބަލަހައްޓާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރު" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓަރު" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ޚިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.

ލިބޭ މީހުން އެނގޭނީ ކިހިނެއް؟

އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާ އަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އެފަރާތެއް ކުންފުންޏަށް ވެރިފައިކޮށްދެއްވާފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް މޮބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް؛ މައިއެލައިޑްގެ އަޔާދީއަށް ހާއްސަ ކުރެވިފައިވާ ބައިން ކުރިޔަށްގެންދެވޭނެކަމުގައި އަޔާދީ ތަކާފުލްއިން ފާހަގަކުރެއްވި އެވެ.

އަޔާދީ ތަކާފުލްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން ޔަޤީންކުރެއްވުމަށް ކަސްޓަމާ ފްރަންޓު އޮފީސް ހ.އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅުއްވައިގެން ވެސް އެމައުލޫމާތު ސާފު ވެގެން ދާނެ ކަމަށެވެ. ނޫނީ އޮންލައިންކޮން "އޭޖެންޓް 1600" މެދުވެރިކޮށް ވައިބާ އަދި މެސެންޖާ އިން އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހް ޖައްސަވައިގެން ސަރޕްލަސް ތަފުސީލު ބައްލަވާލެއް ވޭނެ އެވެ. މިގޮތުން، އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގާ ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު މި ހާލަތުގައި "2019" ގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.