ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން އައިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅުގައި "ފުޓިން ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުލޫއަށް އދގެ އާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބަހުސް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.
މި ހަރަކާތުގެ ސަބަބުން މެމްބަރު ގައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ހައިލެވަލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާއި މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.