ގއ. ވިލިނގިލި

ދަތް އަޅައި، މީހެއްގެ އިނގިލި ބުރިކޮށްލައިފި

May 3, 2022
3

ގއ. ވިލިނގިލީގައި ފިރިހެނަކު، އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލި ބުރިކޮށްލައިފި އެވެ.

އިއްޔެ ރޭ ފަތިހު ހިނގި މިމައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ފިރިހެނަކު އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ ގެއަކަށް ގަދަކަމުން ވަދެ އެ ގޭގައި ތިބި ހަތަރު މީހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ކަމަށެވެ.

ހަމަލާ ދިނުމާ ގުޅިގެން އަނިޔާވީ އުމުރުން 60 އަހަރާއި، 39 އަހަރާއި، 31 އަހަރުގެ އަންހެނަކަށާއި އުމުރުން 74 އަހަރުގެ ފިރިހެނަކަށެވެ. ހޮސްޕިޓަލްގައި މިހަތަރު މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފިރިހެން މީހާ ދަތް އެޅީ އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލީގައި ކަމަށް އެނގިފައިވެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުން ހާޒިރުކުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ މީހާ 150 ދުވަހަށް ޖަލަށް ލުމަށްވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ހައްޔަރުކޮށްފައިވާ ފިރިހެން މީހާ މަސައްކަތް ކުރަނީ އޭނާގެ ކުރީގެ އަނބިމީހާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިން އަތުލައި އޭނާގެ ބެލުމުުގެ ދަށަށް ގެންދިއުމަށް ކަމަށް އަވަސްއާ ވަހަކަ ދެއްކި ވިލިނގިލި ބައެއް މީހުން ބުނެފައިވެ އެެވެ.