ގއ. ވިލިނގިލި

ރައީސްގެ ދަތުރުފުޅާ ދިމާކޮށް ވިލިނގިލީގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުހައްމަދު ސޯލިހް ގއ. ވިލިިގިއްޔަށް ވަޑައިގަތުމާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކުރީ ފުލުހުންނާ ދިމާލަށް ގާއުކާ ފުލުހުންނަށް ހަމަލާދިނުމުގެ ތުހުމަތުގަ އެވެ.

ރައީސް ވިލިގިއްޔަށް ވަޑައިގެންނެވިއިރު އެ ރަށުގެ ރަސްމީ ފާލަން ކައިރިއަށް އެމްޑީޕީގެ ވަރަށް ގިނަ އަދަދެއް ސަޕޯޓަރުން އެއްވެ ތިއްބެވެ.

އިދިކޮޅު ސަޕޯޓަރުން އެއްވެ ތިބީ ފާލަމުގެ ހުޅަނގު ފަރާތުގައެވެ. ރައީސް ދަތުުރުކުރެއްވި ވިލިގިއްޔާ ގާތްވުމާ އެކުހެން އިދިކޮޅު ސަޕޯޓަރުން ވަނީ އެ މީހުން ގެންގުޅުނު ޕިކަޕެއްގެ ތެރޭގައި ހުރި ގާތަކެއް ފުލުހުންނާ ދިމާލަށް އުކާފަ އެވެ.

އިދިކޮޅު ސަޕޯޓަރުން ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގައި ހުރި ޓޭޕް ވެސް ކަނޑައި ބުރިކޮށްފަ އެވެ.

އިދިކޮޅު ސަޕޯޓަރުން ރައީސް ސޯލިހްގެ އިސްތިއުފާ އަށް ގޮވަމުން ދިޔައިރު ރައީސްގެ ސަޕޯޓަރުން ގޮވަމުން ދިޔައީ "އިބޫ އެއްބުރުން" ހޮވާނެ ކަމަށެވެ.

ވިލިގިއްޔަކީ ކުރިން ރައީސް މައުމޫނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ވަރަށް ގިނަ އަދަދަކަށް ތިބި ރަށަކަށެވެ. ނަމަވެސް މިފަހުން ރާއްޖޭގައި ބާއްވާ ގައުމީ ބޮޑެތި އިންތިހާބު ތަކުގައި ވިލިގިލި ވެފައިވަނީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ލިބޭ އަދި ދެކުނުގެ އަތޮޅުތަކުގައި އެމްޑީޕީއަށް އެންމެ ތާއީދު ބޮޑު އެއް ރަށުގެ ގޮތުގައެވެ.