އީވާ އަބްދުﷲ

މީޑިއާތައް ގަންނަން މިލިއަނުން ހަރަދުކުރޭ: އީވާ

May 4, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ފާޑު ވިދާޅުވެއްޖެ އެވެ.

އީވާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކިންގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓިފައި ވަނިކޮށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އީވާ ވިދާޅުވީ ސަރުކާރުން ނޫސްތަކަށް ސްޕޮންސާ ދީގެން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ވަކި ހާއްސަ އެޖެންޑާތަކެއް ފެތުރުމުގެ ގޮތުން މިނިސްޓްރީތަކާއި، ކުންފުނިތަކާއި އަދި ރައީސް އޮފީހުން މިލިއަނުން ފައިސާ ހަރަދު ކުރަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކީ މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.

އީވާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ޒިންމާއަކަށް ވާންޖެހޭނީ މީޑިއާތައް ގަނެގެން ސަރުކާރުން ބޭނުންވާހާ ކަމެއް ކުރުމުގެ ބަދަލުގައި މިނިވަން މީޑިއާ އަކަށް ފުރުސަތު ދިނުން ކަމަށެވެ.

މިނިވަން ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިއަދު ގޮވާލެއްވި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ނޫސްތަކަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ކަމަށެވެ. މީގެއިތުރުން އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގައި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެ އެވެ.

ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރި ކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރައްވާ ކަމަށެވެ.