ހަބަރު

"ރެސްޕެކްޓް" ކެމްޕެއިން ސްޓެލްކޯ އިން އެންޑޯސް ކޮށްފި

ދައުލަތުގެ މީޑިއާ ކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ހިންގާ ގައުމީ ކެމްޕެއިން "ރެސްޕެކްޓް" ސްޓޭޓް އިލެޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެންޑޯސް ކޮށްފިއެވެ. މިކެމްޕެއިންގެ މަގްސަދަކީ ގައުމުގެ އެކި ފަންތީގެ މީހުންގެ މެދުގައި އިޙްތިރާމް ލިބިގެންވާ މުޖުތަމައެއް އަށަގެންނެވުމެވެ.

އެ ކެމްޕެއިންގެ ތެރެއިން ކުންފުނިތަކާއި މުއައްސަސާތައް މެދުވެރިކޮށް އިހުތިރާމް ކުރުމުގެ ރޫހު އާލާ ކުރުމަށް ކަންތައްތަކެއް ހިންގާނެ އެވެ. ޕީއެސްއެމް އިން ބުނީ ކެމްޕެއިން ކުރިއަށް ގެންދާނީ ހާއްސަ ކޯޑިނޭޝަން ކޮމެޓީއެއް އުފައްދައި އެކޮމެޓީގެ ވިލަރެސްކުރުމާއެކުއެވެ. އަދި ކެމްޕެއިން އެންޑޯޒްކުރާ ފަރާތްތަކުގެ ދައުރާއި ބައިވެރިވުމާ ވެސް އެކު އެވެ.

މި ކެމްޕެއިން ފެށުމަށް ޕީއެސްއެމް އިން ނިންމި ސަބަބާ ގުޅޭ ގޮތުން ހަފްލާގައި ޕީއެސްއެމްގެ އެމްޑީ، އިބްރާހިމް ހަލީލް ވިދާޅުވެފައިވަނީ، މުޖުތަމައުގައި އިހުތިރާމް ކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަން، އިންސާނީ ހައްގުތަކުގެ ދުވަހުގައި ރައީސް ދެއްކެވި ވާހަކައިން ހާމަވާ ކަމަށެވެ. އަދި މި ކެމްޕޭން އަކީ އެ އިލްތިމާސްއަށް އިޖާބަ ދިނުމުގެ ގޮތުން ޕީއެސްއެމް އިން ނެގި އިސްނެގުމެއް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ނިމުމެއް ނެތް ކެމްޕެއިނެއްގެ ގޮތުގައި ކެމްޕެއިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން ވަކި ފަރުދުންނާއި، ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކާއި ހަމަޔަށް މިކެމްޕެއިން ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިންގައި ބައިވެރިވިކަން އެސްޓީއޯ އާއި އެކޮނިމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކެމްޕޭންގައި މުޖުތަމައުގައި ކޮންމެ ބަޔަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.