ބޮލީވުޑް

ކިޑްނީގައި ހިލަހުރެގެން ވިދްޔާ ބާލަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

Dec 31, 2015
1

މިއަހަރަކީ ބަތަލާ ވިދްޔާ ބާލަންގެ ކެރިއަރުގައި މާ ފާހަގަކުރެވޭ އަހަރެއް ނޫނެވެ. މިއަހަރުގައި ރިލީޒްވީ ވިދްޔާގެ އެންމެ ފިލްމެކެވެ.

ވިދްޔާ އާއެކު އިމްރާން ހާޝިމީ އާއި ރާޖްކުމާރު ރާއޯ ލީޑްރޯލުން ފެނިގެންދިޔަ "ހަމާރީ އަދޫރީ ކަހާނީ" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބި ވަނީ ފްލޮޕްވެފަ އެވެ.

މިއަހަރުގައި ވިދްޔާގެ އިތުރު ފިލްމެއް ރިލީޒްނުވި ނަމަވެސް މިހާރު އޭނާ އަންނަނީ އިތުރު ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އަދި ބޮލީވުޑްގެ އެހެން ތަރިންނެކޭ އެއްގޮތަށް ވިދްޔާ އާއި ފިރިމީހާ ސިދާތް ރޯއި ކަޕޫރު ވެސް އާއަހަރާއި އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ދަތުރު ކުރަމުން ދަނިކޮށް، ކިޑްނީގައި ހިލަ ހުރި ކަމަށް ޝައްކު ކުރެވިގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ވިދްޔާގެ އުފަންދުވަހަކީ ޖެނުއަރީ އެކަކަށް ވުމުން، އާއަހަރާއި ވިދްޔާގެ އުފަންދުވަސް ފާހަގަކުރުމަށް ސިދާތް އާއި ވިދްޔާ ދަތުރުކުރަމުން ދަނިކޮށް ޓްރާންސިޓް ކުރުމުގެ ގޮތުން އަބޫދާބީގައި މަޑުކޮށްގެން ތިބުމަށްފަހު އެމީހުންގެ މަންޒިލަށް ދަތުރުކުރަން ފްލައިޓް ނައްޓާލަން އުޅުމުގެ ތެރޭގައި ވިދްޔާގެ އަރިކައްޓާއި ދިމާލަށް ތަދުވާން ފެށުމުން ވަނީ އޭނާ އާއި ސިދާތް ފްލައިޓުން ބޭލުމަށްފަހު ވިދްޔާ އަށް އެއާޕޯޓްގައި ހުރި ކްލިނިކުން ފަރުވާދީފަ އެވެ.

ފަރުވާ ދިނުމަށްފަހު ވެސް ވިދްޔާއަށް ރަނގަޅު ނުވުމުން ވަނީ އާއަހަރާއި އުފަންދުވަހުގެ ޕްލޭން ކެންސަލް ކުރުމަށްފަހު އަނބުރާ އިންޑިއާއަށް އައިސްފަ އެވެ. އެގޮތުން މުމްބައި އަށް އައިސް 29 ވަނަ ދުވަހު ހިންދޫޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިދްޔާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

މުމްބައިއަށް އައިތަނުން ހުންގަދަވެ، އަރިކަށީގައިވެސް ރިހެނ ފެށުމުން ވިދްޔާ ހޮސްޕިޓަލަށް ގެންގޮސްވަނީ ކިޑްނީގައި ހިލަހުރިކަމަށް ޝައްކުކުރެވިގެން ޓެސްޓްތައްވެސް ހަދާފަ އެވެ. އެގޮތުން މިހާރުވެސް ވިދްޔާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނައިރު، ވިދްޔާގެ ސްޕޯކްސްޕާސަން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ވިދްޔާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އަދި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފަ އެވެ.

މިހާރު ވިދްޔާ ކުޅެމުން އަންނަނީ ޑައިރެކްޓަރު ސުޖޯއި ޖޯޝްގެ "ތީން" އެވެ. މިފިލްމުގައި ވިދްޔާއާއެކު އަމީތާބް ބައްޗަން އާއި ނަސްރުއްދީން ޝާހް ފެނިގެންދެ އެވެ.