ގއ. ވިލިނގިލި

ވިލިނގިލި އެކްސިޑެންޓްގައި އަނިޔާވި މީހުން މާލެ ގެންނަނީ

May 5, 2022

ގއ. ވިލިނގިލީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ވިލިނގިލި ބަނދަރު ސަރަހައްދުގައި ދުއްވާފައި ދިޔަ ޖީއެން ދެ ސައިކަލް ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ދެ ސައިކަލްގައި ވެސް އިތުރު މީހަކު ނެތް ކަމަށާއި އަދި ސައިކަލް ދުއްވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެތަނުގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ އެރަށުގައި އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި އެކްސިޑެންޓްގައި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދެ މީހުންނަށް ވެސް ބޭރުފުށުން ލިބިފައިވާ އަނިޔާތަކަށް އެ ހޮސްޕިޓަލުން މިވަގުތަށް ދެވެން ހުރި ފަރުވާ ދީފައިވާ ކަމަށެވެ. އެތެރެހަށީގެ ގުނަވަންތަކަކަށް ގެއްލުންވެފައިވާ ކަމަށް ބެލެވޭތީ ދެ މީހުން ވެސް މާލެ ފޮނުވައިގެން ސީޓީ ސްކޭން ހަދައި އިތުރު ފަރުވާ ދޭންޖެހޭ ކަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ބޮޑަށް ގެއްލުން ލިބިފައިވަނީ 30 އަހަރުގެ މީހާ އަށް. ދެ މީހުންނަށް ބޭރުފުށުން ލިބިފައި ހުރި އަނިޔާތަކަށް ބަލާއިރު މޫނާއި ހަށިގަނޑުގެ އެހެން ބައެއް ތަންތަން ކަނޑައިގެން ގޮސްފައި އެބަހުރި. ފަރުވާއަށް ފަހު މީހުންނާ ރަނގަޅަށް ވާހަކަދައްކާ ހަދާ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަނިޔާވި ދެ މީހުން މާލެ ފޮނުވާލުމަށްޓަކައި އާސަންދައާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެންމެ އަވަހަށް ވެސް ޗާޓަރު ފްލައިޓެއް ލިބެން އޮތީ މިރޭ 8:30 ހާއިރު މިއަދު އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިއީ އީދާއި ސްކޫލު ބަންދު ދުވަސް ވަރަކަށްވާތީ މޯލްޑިވިއަންގެ ފްލައިޓްތައް ވެސް ވަރަށް ބާރު ބޮޑުކޮށް އުޅޭކަމަށް އަޅުގަނޑުމެން އެންގީ. އެކަމަކު މިހާރު ދީފައި އެވާ ގަޑީގެ ކުރިއަށް ވެސް ޗާޓަރު ފްލައިޓެއް ފޮނުވައިދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި. އާސަންދަ ކުންފުނިން އަޅުގަނޑުމެންނާ ވަރަށް ރަނގަޅަށް މުއާމަލާތު ކުރަމުން އެބަގެންދަވާ،" ޝަރީފް ވިދާޅުވި އެވެ.