ޕީޕީއެމް

ކައުންސިލަރު ނަހްލާގެ ސުލޫކީ މައްސަލައެއް ބަލަނީ

May 6, 2022

އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީގެ ސުލޫކީ މައްސަލަ ބަލަން ފަށައިފި އެވެ.

ނަހުލާގެ މައްސަލައެއް ބަލަމުންދާ ކަމަށް ޕީޕީއެމް އިން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ޕީޕީއެމްގެ މެންބަރު ކަމުން ނަހްލާ ވަކިކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް ވެސް ސޯޝަލްމީޑިއާގައި ރޭގެ ވަގުތެއްގައި ފަތުރާފައިވެ އެވެ. ނަމަވެސް އެ ވާހަކަތައް ޕީޕީއެމް އިން ދޮގުކުރެ އެވެ.

ޕީޕީއެމް އިން މީގެކުރިންވެސް ނަހްލާގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ނިންމި އެވެ.

އޭރު ނަހްލާ އަށް ފިޔަވަޅު އެޅީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ވަކި ބޭފުޅަކަށް ވޯޓުލުމަށް ނިންމާ ކައުންސިލަރުންނަށް އެކަން ޕީޕީއެމް އިން އަންގާފައި ވަނިކޮށް ނަހްލާ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލެއްވުމުންނެވެ.

ނަހްލާ އަށް އެޅި ފިޔަވަޅުތައް އުވާލީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް ކަމަށް އެނގިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ އިދިކޮޅު ކައުންސިލަރުންނާއި ނަހްލާއާ ދެމެދު އޮންނަ ގުޅުން ވަރަށް ކުޑަ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ ބައެއް ކައުންސިލަރުން މީގެކުރިން ވިދާޅުވެފައިވެ އެވެ.