ޕީޕީއެމް

މައްސަލަ ބަލަމުން ދަނިކޮށް ރަމީޒު ޕީޕީއެމް އިން ވަކިވެއްޖެ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް ޕީޕީއެމްގެ މެންބަރު ކަމުން ރަމީޒު އިސްތިއުފާ ދެއްވައިފި އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ރަމީޒު ފޮނުއްވި ސިޓީ ރޭގެ ވަގުތެއްގައި ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ.

މިސިޓީގައި ރަމީޒު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި މިވަގުތު އުޅުއްވެން ނެތުމުން ވަކިވާން ނިންމެވީ ކަމަށެވެ.

ޑރ. މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރައްވާތީ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމްއަށް ހުށަހަޅުއްވާފައިވަނީ ސީދާ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށް އެނގިފައިވެ އެވެ.

ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ޕީޕީއެމް އިން ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

މިމައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް އިއްޔެ މެންދުރުފަހު 2:00 ގައި ރަމީޒު ހާޒިރުކޮށް އޭނާގެ ބަޔާންވެސް ނަގާފައިވެ އެވެ. ރައީސް ޔާމީންގެ ކެންޑިޑެސީއަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަން ޔަގީންކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ބައެއް ނަންތައް ވެސް ރަޒީމުގެ ފަރާތުން ކޮމިޓީއަށް ހުށަހަޅުއްވާފައިވެ އެވެ. މީގެތެރޭގައި ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ސެނެޓަރުންވެސް ހިމެނެ އެވެ.