ޑރ. މުހައްމަދު މުއިއްޒު

ސްޓެލްކޯ ޖަވާބުދާރީކުރުވާނަން: މުއިއްޒު

Dec 11, 2021
3

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާ ބޭއްވުމަށް އުސްފަސްގަނޑަށް ކަރަންޓު ލައިދޭން އެދުމުން އެކަން ކޮށްނުދިން މައްސަލާގައި ސްޓެލްކޯ ޖަވާބުދާރީ ކުރުވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ހުޅުމާލޭގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުންނާއި އެޗްޑީސީން ހުރަސް އެޅުމުން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަ ދިން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ޖަލްސާއަށް އުސްފަސްގަނޑަށް ކަރަންޓު ލައިދޭން އެދުމުން ސްޓެލްކޯ އިން އެކަން ނުކުރީ އެބިމަކީ ޕްލޭނިން މިނިސްޓްރީގެ ބިމެއް ކަމަށް ބުނެފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި މައްސަލާގައި އަޅުގަނޑުމެން [ސިޓީ ކައުންސިލުން] ސްޓެލްކޯ ޖަވާބުދާރީ ކުރުވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އުސްފަސްގަނޑަކީ ސީދާ ސިޓީ ކައުންސިލްގެ ރަޖިސްޓަރީގައި އޮތް ތަނެއް ކަމަށާއި އެތަނުގައި ކަންކަން ކުރުމުގެ ހުއްދަ ސިޓީ ކައުންސިލަށް ދެވޭނެ ކަމަށެވެ. އުސްފަސްގަނޑުގައި ސިޔާސީ ޕާޓީތަކަށް ޖަލްސާތަކާއި އެނޫން ހަރަކާތްތައް ވެސް ބޭއްވެން ވާނެ ކަމަށާއި އެއީ ސިޓީ ކައުންސިލުގެ އިހްތިސާސް ހިނގާ އަދި ކައުންސިލްގެ ރަޖިސްޓަރީގައި އޮތް ބިމެއް ކަމަށެވެ. އެކަމާ ދެކޮޅަށް ސަރުކާރުން ކުރާ ކަންކަމަށް ބަލަހައްޓައިގެން ނުހުންނަވާނެ ކަމަށާއި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މޭޔަރު މުއިއްޒުގެ ވާހަކަތަކާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު އަވަސް އަށް ވިދާޅުވީ ސްޓެލްކޯ އަކީ ރައްޔިތުންނަށް ހިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯ އިން އަމަލުކުރަންޖެހޭ ގަވައިދުތަކަކާ އުސޫލުތަކެއް ހުންނާނެ ކަމަށެވެ. އެ އުސޫލުން ފުރިހަމަ ކުރަންޖެހޭ ފޯމާއި ލިޔުންތައް ފުރިހަމަކުރުމަށްފަހު ސްޓެލްކޯ އަށް ހުށަހެޅުމުން އެ އޮންނަ އުސޫލަކުން ކޮންމެ ބަޔަކަށްވެސް ކަރަންޓް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ތަނަކަށް ނުވަތަ ގެއަކަށް ކަރަންޓް ދޭން ބުނާއިރު އެ ތަނެއްގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތަކުން އެދުނު ނަމަވެސް ސްޓެލްކޯ އަށް އެ ހިދުމަތް ނުދެވޭނެކަން އެންމެންނަށް ވެސް އެނގޭނެ. އެހެންވީމާ މި ދެންނެވީ ކަރަންޓްގެ ހިދުމަތް ބޭނުންވެގެން ފޯމުލާއިރު އެތަނުގެ ވެރިފަރާތުގެ ހުއްދަ އޮތިއްޔާ އެ ހިދުމަތް ސްޓެލްކޯ އިން ދޭނެ. އެއްވެސް ފަރާތެއް އަޅުގަނޑުމެން ތަފާތެއް ނުކުރާނަން،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާ ފުރަތަމަ ބާއްވަން އުޅުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދުގަ އެވެ. ނަމަވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ މުދަލެއް ކަމަށް ބުނެ ފުލުހުންގެ އެހީތެރިކަމާ އެކު އިދިކޮޅު ޖަލްސާ ހުއްޓުވާފަ އެވެ. އެޗްޑީސީން އެގޮތަށް އަމަލުކުރި ނަމަވެސް ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެކަމަކު ހުޅުމާލޭގެ ބިން އޮތީ އެޗްޑީސީ އަށް ރަޖިސްޓްރީ ކޮށްދީފަ އެވެ. އިދިކޮޅު ޖަލްސާ ހުއްޓުވަން އެޗްޑީސީން އަމަލުކުރި ގޮތުން އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެޗްޑީސީން މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޖަލްސާ އެންމެ ފަހުން ރޭ ބޭއްވީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.