ޕީޕީއެމް

މުއިއްޒުގެ ސުލޫކީ މައްސަލައެއް ނުބަލަން: ޕީޕީއެމް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް މައްސަލައެއް ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ނުދާ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުޣﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް ޑރ. މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް އަމިއްލަފުޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދަނީ މެސެޖުތަކެއް ދައުރުވަމުންނެވެ.

މެސެޖުތަކުގައިވާ ގޮތުން މުއިއްޒުގެ އެގޮތަށް އަމަލުކުރައްވާތީ ރައީސް ޔާމީންގެ އާއިލާ އިން ވނީ އެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމްއަށް ހުށަހަޅާފަ އެވެ.

ދައުރުވަމުންދާ މެސެޖުތަކުގައިވާ ގޮތުން މުއިއްޒުގެ ކެމްޕޭން މެނޭޖަރަކީ މާލޭގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އެވެ.

މި މެސެޖުތަކާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުއިއްޒުގެ މައްސަލައެއް ޕާޓީގެ ސުލޫކް ކޮމިޓީން ބަލަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

މުއިއްޒު މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން މުއިއްޒު އެ ދުވަހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމާއި ރަނިންމޭޓްކަން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެއީ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި މަގާމުގެ ހައިސިއްޔަތުން އިސްކަންދެއްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރިޔާސީ އިންތިހާބަށް ނުވަތަ އެހެން ކަމަކަށް ކުރިމަތިލާން ނުވަތަ ރަނިންމޭޓް ކަންވެސް ބޭނުންވާ މީހެއް ނޫން. އަޅުގަނޑަކީ އެއަށް ވުރެ މާ ސިމްޕަލް މީހެއް. އަޅުގަނޑުގެ ތިކަހަލަ ވިސްނުމެއް ނުހުންނާނެ." މޭޔަރު ވިދާޅުވި އެވެ.

މިއިންޓަވިއުގައި މުއިއްޒު ތަކުރާރު ވިދާޅުވީ މާލޭގެ މޭޔަރުކަން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ހަވާލުކޮށްފައިވާތީ އެ މަގާމު ދޫކޮށްލެއްވުމަށްފަހު އޭނާ ދެން ކުރައްވާނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ. މަގާމުގެ ދައުރު ހަމަނުވަނީސް އެ މަގާމު ދޫކޮށްލުމަކީ ރައްޔިތުން އޭނާއަށް ކުރި އިތުބާރު މުޅިން ގެއްލޭނެ ކަމަކަށްވާތީ އެފަދަ މީހަކަށް ވާން މުއިއްޒު ބޭނުންފުޅެއް ނުވެ އެވެ. މާލޭގެ މޭޔަރު ކަމުގައި ހުންނަވާއިރު އެކަމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ނުވާ ކަމުގައިވެސް އެ ދުވަހު ވިދާޅުވި އެވެ.