ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަޑުއުފުލައި ޝުއޫރު ފާޅުކުރާ މީހުންގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ދޭނެ ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި "އިންޑއާ އައުޓް" ޖެހި ބެނާތަކެއް މާލޭގެ އިމާރާތްތަކުގައި ދަމާފައި ވަނިކޮށް ފުލުހުން އެ ބެނާތައް ނަގާފައި ވަނިކޮށެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ބަޔަކު އަޑުއުފުލާނަމަ އެއީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ދެކޭ ކަމަށާއި އަދި އެފަދަ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމަށެވެ.
"ގާނޫނުއަސާސީ ހިމާޔަތްކުރުމާއ ގާނޫނުތަކާ އެއްގޮތަށް ކަންކަން ކުރުން އެއީ އަޅުގަނޑުމެންގެ ވާޖިބެއް. އެހެންކަމުން އެގޮތަށް ކުރާ ކަންކަމަށް އަޅުގަނޑުމެން އެއްވެސް ކަހަލަ ދެކޮޅެއް ނުހަދާނަން. އެއްބާރުލުން ވެސް ދޭނެ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް އޮތް ސަރަހައްދެއްގައި ސިޔާސީ ކޮންމެ ޕާޓީ އަކުން ހަރަކާތެއް ހިންގި ނަމަވެސް އެ ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއް ނަމަ މާލެ ސިޓީ ކައުންސިލުން އެއްވެސް ތަފާތު ކުރުމެއް ނެތި އެއްބާރުލުން ދެނެ ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބައެއް ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެމުންދާ ކަމަށެވެ. އެކަމަކީ އިންތިހާ ކަންބޮޑުވާ އަދި ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައިވެސް ސިފަ ކުރެއްވެވި އެވެ
"އެހެންކަމުން ރައްޔިތުން މިކަމާ ފުންކޮށް ވިސްނަންޖެހޭ. ހާއްސަކޮށް ޒުވާނުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ،" މޭޔަރު ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ކަނޑައެޅުއްވުމާ ގުޅިގެން ފުލުހުން ނިކުމެ އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ފުލުހުން ވަނީ ނަގާފަ އެވެ. ރައީސްގެ ގަރާރުގައި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.