މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ޕީޕީއެމްގެ ލީޑާޝިޕް ބަދުނާމުކޮށް ދައްކަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމް އިން ބުނެފި އެެވެ.
ނަހްލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ގެނައުމާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ޕީޕީއެމްގެ ތެރޭގައި އުޅޭ ކަމަށެވެ.
ނަހްލާގެ މި ވާހަކަތަކާ ގުޅިގެން ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަހްލާ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ޕާޓީގެ އާންމު މެންބަރުން ގާތުގައި އާއި، ސޯޝަލް މީޑިއާގައި ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ނަހްލާ ފަތުރަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ނަހްލާ އެންޓި ކެމްޕެއިންކޮށް، އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް އޭނާ ކުރައްވާކަމުގެ މައުލޫމާތާއި ހެކި ލިބި، އެމައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި، މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ނަހްލާ ދައްކަވަމުން ގެންދަވާ ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
"މިކަންކަން ކުރުމުގައި ނަޙުލާ އަލީއާ އެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރިޔަމް ނަފްހާ އަލީވެސް ހިމެނޭ ވާހަކަ ދެންނެވީމެވެ." ޕީޕީއެމްގެ ބަޔާނުގައުވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަހުލާގެ އިތުރުން އާމިނަތު ލީލާގެ ސުލޫކީ މައްސަލަ ވެސް ޕީޕީއެމް އިން ބަލަމުންދާ ކަމަށެވެ. އަދި ނަޙުލާ އާއި ލީލާގެ ސުލޫކީ މައްސަލަ ކުރިއަށް ގެންދަން އެ ދެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.