ޝާހް ރުކް ޚާނަކީ ބޮލީވުޑް ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ވަރަށް ލޯބިވާ އެކްޓަރެކެވެ. މިދިޔަ ފިތުރު އީދު ދުވަހު އޭނާއާ އީދު ސަލާން ކުރަން އެގޭ ދޮށަށް އެއްވި އެތައް ހާސް މީހުންނަށް ބަލާލުމުން ވެސް މީހުންގެ މެދުގައި އޭނާގެ މަގްބޫލުކަން ހުރިވަރު ހާމަ ވެއެވެ.
ޝާހް ރުކް ދެކެ ކިތަންމެ ލޯބިވިޔަސް އޭނާ ހަމަލޮލުން ދެކިލާ ބައްދަލުކޮށްލުމުގެ ނަސީބު ލިބެނީ މަދު މީހަކަށެވެ. ވީމާ އޭނާ އާ ވައްތަރު މީހުންނަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބި އެމީހުންނަށް ވެސް މަޝްހޫރުކަން ލިބެ އެވެ.
"ހިއުމަންސް އޮފް ބޮމްބޭ"ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ ލިޔެފައިވާ އެއް ލިޔުމަކީ ޝާހް ރުކް އާ ވައްތަރު މީހެއްގެ ވާހަކަ އެވެ. އެ ޕޭޖުގައި ޖަހާފައިވާ އިބްރާޙިމް ގަދްރީ ނަމަކަށް ކިޔާ މި މީހާގެ ފޮޓޯތަކަށް ބަލާފައި އެއީ ޝާހް ރުކް ނޫން ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވޭނެ އެވެ. އަދި އޭނާ ބުނާ ގޮތުގައި އޭނާ ފެންނަ ކޮންމެ މީހަކު ވެސް އޭނާ އަކީ ޝާހް ރުކް ކަމަށް ހީކުރެ އެވެ.
މި ޕޭޖުގައި އޭނާ ލިޔެފައިވާ ލިޔުމުގައި ޝާހް ރުކް އާ ވައްތަރުކަމުން އޭނާގެ ހަޔާތަށް އައި ބޮޑު ބަދަލުގެ ވާހަކަ ގަދްރީ ކިޔައިދީފައި ވެއެވެ.
"އަހަންނަކީ އެހާ ބޮޑަށް އަހަރެން ހުންނަ ސިފަޔަށް ސަމާލުކަން ދޭ މީހެއް ނޫން. ނަމަވެސް އަހަރެންގެ އާއިލާގެ މީހުންނާއި އެކުވެރިން އަބަދުވެސް ކިޔާނެ އަހަރެން ސުޕަސްޓާ ޝާހް ރުކް ޚާނާ ވަރަށް ވައްތަރޭ. އެމީހުންގެ ދަރިފުޅު ޝާހް ރުކާ ވައްތަރު ކަމުން އަހަރެންގެ މައިންބަފައިން ވެސް އެކަމާ ވަރަށް ފަޚުރުވެރިވޭ. އަހަރެން ބޭނުން ނުވިޔަސް ޝާހް ރުކް އާ ވައްތަރުކަމުން މީހުންގެ ސަމާލުކަން އަހަންނަށް ލިބެމުންދިޔަ. އަހަރެން ޒުވާން އުމުރަށް އަޅައިގަތުމުން ޝާހް ރުކް އާ މާ ބޮޑަށް ވައްތަރުވާން ފެށި. އެހިސާބުން އަހަރެންގެ ބޮލަށް ވެސް ޝާހްރުކްގެ "ބޫތު' (ރޫހު) ސަވާރުވެ ޝާޙް ރުކްގެ ފިލްމުތައް ބަލައި އެ ފިލްމުތަކުގައި އޭނާގެ ހަރަކާތްތައް ހުންނަ ގޮތް ދަސްކޮށްގެން އެގޮތަށް ހަރަކާތްތައް ކޮށް އޭނާ ނަށާ ގޮތަށް ނަށާ ހަދަން ފެށީ،" ގަދްރީ ލިޔެފައި ވެއެވެ.
އޭނާ ލިޔެފައިވާ ގޮތުގައި ޒުވާން ފުރަޔަށް އެޅުމަށްފަހު ޚުދް އޭނާ ވެސް ޝާހް ރުކްގެ ވީޑިއޯތައް ބަލައި އޭނާގެ ހަރަކާތްތަކާއި އުޅޭ ގޮތް ކޮޕީ ކުރަން ފެށި އެވެ. އެހިސާބުން އޭނާ ފެންނަ އެންމެންނަށް ވެސް އެއީ ކާކުކަން އޮޅުނެވެ. ބޭރަށް ނުކުންނައިރު މީހުންތައް އައިސް އޭނާ ލާ ވަށާލަ އެވެ. ޝާހް ރުކް ކަމަށް ހިތަ އެވެ. އޭނާ އާއެކު ސެލްފީ ނަގަން އެދޭ ވަރުން ބޭރަށް ނުކުމެ އުޅެން އުނދަގޫވި އެވެ.
މިހާރު އޭނާއަށް ކައިވެނި ޕާޓީތަކަށް ވެސް ވަރަށް ގިނައިން ދައުވަތު ލިބެ އެވެ. އެ ޕާޓީތަކުގައި ޝާހް ރުކްގެ ލަވަ ތަކަށް އެމީހުންނާއެކު ނަށާ ހަދަ އެވެ. އޭނާ ނަށާތަން ފެނިފައި މީހުންނަށް ހީވަނީ ޝާހް ރުކް އާއެކު ނެށޭ ހެންނެވެ.
ޝާހް ރުކް އަށް އޭނާ ވަރަށް ގަދަރު ކުރެ އެވެ. އަދި އޭނާ އާ ޝާހް ރުކް ވައްތަރުކަމުން ލިބެމުންދާ މަޝްހޫރުކަން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާގެ ވެސް އަމިއްލަ ވުޖޫދެއް ވާކަމާއި މީހުން އޭނާއަކީ އޭނާގެ ގޮތުގައި ގަބޫލުކުރަން ވަރަށް އެދޭ ކަމަށް އެމީހާ ލިޔެފައި ވެއެވެ.
ކޮންމެވެސް ދުވަހަކުން އޭނާގެ "ހީރޯ" ޝާހް ރުކް އާ ބައްދަލުވުމަކީ ވެސް މި މީހާގެ ހުވަފެނެކެވެ. އެ ދުވަހަކުން އޭނާ ބަސް ހުއްޓި އަނގައިން ބުނަން ވެސް ނޭނގި ހުރެވޭނީކަމަށް ގަދްރީ ބުންޏެވެ.
"އެ ދުވަހަކުން އަހަރެން ޝާހް ރުކް ކައިރީ ބުނާނަން ޝުކުރިއްޔާއޭ އަހަރެން އަބަދުވެސް ހެއްވާ، ރޮއްވާ، ނަށުވާ، ލަވަކިޔުވާ އަދި މަޖާ ކުރުވާ ހެދުވީމަ. ހިތުން އަޑިން އަހަރެން ޝުކުރު އަދާކުރަމޭ،" ނިންމާލަމުން ގަދްރީ ލިޔެފައި ވެއެވެ.