ޕީޕީއެމް

ވިލިމާލެއަށް ނާރަން އަންގާ އިންޒާރުދީފި: ނަހުލާ

May 7, 2022
2

އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ވިލިމާލެއަށް ނޭރުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިއަދު ވިދާޅުވީ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެކު ދޮރުން ދޮރަށް ހިނގަން ހަމަޖެހިފައި ވަނިކޮށް އޭނާ ވިލިމާލެއަށް ނޭރުމަށް އަންގައި އިންޒާރު ދީފައިވާ ކަމަށެވެ. ކެމްޕޭނު ކުރަމުން ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެންނެވެ.

އިންޒާރު ދިނީ ކާކުކަން ވިދާޅުވި ނުވި ނަމަވެސް ނަހުލާ އަންނަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަށް ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އެގޮތުން އޭނާއަށް ބިރު ދައްކައި ޕާޓީ އިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ޝުޖާއު ދެމުން އަންނަ ކަމަށް ނަހުލާގެ ފޭސްބުކް ޕޭޖުގައި ވަނީ ލިޔުއްވާފަ އެވެ. ނަހުލާގެ އެ ތުހުމަތުތައް ޕީޕީއެމް އިން ވަނީ ދޮގުކޮށްފަ އެވެ.

ނަހުލާ މިއަދު ވިދާޅުވެފައި ވަނީ އޭނާ އާ ދޭތެރޭ ކަންތައް ކުރަމުން އަންނަ ގޮތާމެދު ހިތާމަކުރައްވާ ކަމަށެވެ.

"އިންޒާރު ދީ ކޮންމެ ކަމެއް ކުރިޔަސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަހަތަށް ނުޖެހޭން،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމް އިން އަންނަނީ އޭނާ އެންޓި ކެމްޕޭން ކުރާ ކަމަށް ބުނެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. މީގެ ކުރިން ވެސް ޕާޓީތެރޭގައި މައްސަލަތަކެއް ޖެހެގެން ނަހުލާއަށް ޕީޕީއެމް އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.