އަހުމަދު ޝިޔާމް

ނައިފަރު ރައްޔިތުންނާމެދު އަބަދުވެސް ފަހުރުވެރިވޭ: ޝިޔާމް

ށ. ފޯކައިދޫ "ފުރާގު" ބޯޓް ފެލިވަރު ކައިރި ފަރަށް އެރުމުން ބޯޓުން ދަތުރުކުރި 130 އަށްވުރެ ގިނަ ދަތުރުވެރިން ކައުންސިލް މެދުވެރިވެ ނައިފަރަށް ބާލާ ނައިފަރުގެ އާއިލާ ތަކުން ދަތުރުވެރިންނާ ހަވާލުވެ ދެއްކީ އިންސާނިއްޔަތު ކަމުގެ ލާމަސީލް ނަމޫނާ އެއް ކަމަށް ވިދާޅުވެ އެ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ނައިފަރު ރައްޔިތުންނަށް ތައުރީފު ކުރައްވައިފި އެވެ.

ފޯކައިދޫ ބޯޓް ފަރަށް އެރީ ރޭގެ ވަގުތެއްގައެވެ. ބޯޓް ފަރަށް އެރިއިރު އޭގައި ކުޑަކުދީންނާއި އަންހެނުންވެސް ތިއްބެވެ.

ބޯޓްގައި ތިބި މީހުން ނައިފަރަށް ބޭލުމުން ނައިފަރުގެ ރައްޔިތުން ވަނީ ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ. ގޭގޭގައި ތައްޔާރުކޮށްފައިވާ ކާބޯތަކެތި ބަނދަރު ސަރަހައްދަށް ނެރެ ބޯޓުން ދަތުރުކުރި މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނެވެ. އަދި ބޯޓް ފުންކޮށް ދަތުރު ފެށެންދެން އެހީތެރިކަން ފޯރުކޮށްދިނެވެ.

އެކަމުގައި ނައިފަރުގެ ކުދި ބޮޑު ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

އެކަން ފާހަގަކުރައްވާ މެންބަރު ޝިޔާމް ވިދާޅުވީ ފަރަށް އެރި ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާ އޮޑިވެރިންގެ އުޅަނދު ފަހަރު ބޭނުންކޮށް ދަންވަރުގެ ވަގުތެއްގައި އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ކޮށްފައިވަނީ ވަަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

"ބޯޓު ފުންކޮށް އަލުން ފަސިންޖަރުންނާއެކު މާލެއަށް ދަތުރުފެށުނީ ރޭ ތިނެއް ޖެހި ފަހުން. ބޯޓުން ދަތުރި ކުރި ވަރަށް ގިނަ ދަތުރުވެެރިންނާ އަޅުގަނޑާވެސް ފޯނުން ވާހަކަ ދައްކާލެވުނު. އެބޭފުޅުން ދެއްކެވީ ކައުންސިލްގެ އިންތިޒާމު ތަކުގެ ފުރިހަމަ ވާހަކަ އާއި ހާއްސަކޮށް އެބޭފުޅުންނާ ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާ މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ނައިފަރުގެ ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ރައްޔިތުންތަކެކެވެ. ރަށްރަށުން އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ ނައިފަރު ރައްޔިތުންގެ ހިތްހެޔޮ ކަމުގެ ވާހަކަ ކަަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނައިފަތު ރައްޔިތުންނަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ކަމަށެވ.

"ނައިފަރުގެ ލޮބުވެތި ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ދައްކަވާ ބައެއް. އަޅުގަނޑު ރަށްރަށަށް ގޮސް އުޅޭއިރު ނައިފަރު ރައްޔިތުންގެ ހިތް ހެޔޮ ކަމާ ފުރިހަމަ މެހުމާންދާރީގެ ވާހަކަ އަކީ އެންމެ ގިނައިން އަޅުގަނޑުގެ ކަންފަތުގައި ޖެހޭ އެއް އަޑު. ރޭގެ ހާދިސާގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިހްލާސްތެރިކަމާއި އެކު ޝުކުރުދަންނަވަން. ނައިފަރުގެ ރައްޔިތުންނަށްޓަކައި އަބަދުވެސް ފަހުރުވެރިވޭ،" ނައިފަރު ދާއިރާގެ ގޮޑި ދެވަނަ ފަހަރަށް ފުރުއްވަމުން ގެންދަވާ މެންބަރު ޝިޔާމް ވިދާޅުވިއެވެ.