އިންފްލޭޝަން

އިންފޮގްރެފިކްސް: އަގުތައް ބޮޑުވޭތަ؟

މިދިޔަ އަހަރުގެ މިއަދާ ހަމައަށް އެއް ކިލޯގެ ކުކުޅެއް 50ރ. އަށްވުރެ ދަށުން ލިބުނެވެ. އެކަމަކު މިއަދު އެވަރުގެ ކުކުޅެއްގެ އަގު ހުރީ 60ރ. އަށްވުރެ މަތީގަ އެވެ. ހަމަ އެ ދުވަހާ ހަމައަށް، ބޮޑު ކިރު ދަޅެއް 245ރ. އަށް ލިބުނު ނަމަވެސް މިހާރު އެ ކިރު ދަޅުގެ އަގު ހުރީ 255ރ. ގަ އެވެ. ނޫނީ އެއަށްވުރެ މަތީގަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި 15 އިން މި އަހަރުގެ މެއި 15 އާ ހަމައަށް ދެ ބާވަތެއްގެ އަގު ތަކަށް އައިސްފައިވާ ބަދަލެވެ. އަގު ބޮޑުވެފައިވާ މިންވަރެވެ.

އާއްމު ގޭބިސީއެއްގައި ބޭނުން ކުރާ ތަކެތި އެއްކޮލައިގެން ވަށިގަނޑެއް ހަދައިލުމުން އަގުތަކަށް އަންނަ ބަދަލު ވަރަށް ރީތިކޮށް ފެނެ އެވެ. އެކަމަކު ސަރުކާރުން އާއްމު ކުރާ ތަކެއްޗާއި ހިދުމަތުގެ އަގުން ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކަނީ އިންފްލޭޝަން ނިސްބަތުން މަތިވުން ކުޑަކޮށެވެ. ދައުލަތުގެ ސަރުކާރުން ބުނަނީ އަގުތައް މައްޗަކަށް ނުދެ އެވެ. އެހެން ނަމަވެސް ދައުލަތުގެ އާއްމު މީހާ ބުނާ ގޮތުގައި އަގުތައް ބޮޑު ވަމުންދާކަން އެ މީހުންގެ ޖީބަށް އެބަ އިހުސާސްވެ އެވެ.

ކުރަން އޮތް ސުވާލަކީ ވެސް އަގުތައް ބޮޑުވޭ ހެއްޔެވެ؟ ރާއްޖޭގައި އިންފްލޭޝަންގެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފެނިދާނެ ހެއްޔެވެ؟ އަދި އެކަމަށް މަގު ފަހިވެދާނެ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟

"އިންފްލޭޝަން މައްސަލަ މުޅި ދުނިޔެ އަށް ވެސް މިދަނީ ކުރިމަތިވަމުން. އެހެންވެ މިކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ތައްޔާރުވެ ތިބެން ޖެހޭ ކަމެއް،" މާލީ ދާއިރާގެ މަތީ މަގާމުތަކެއް ފުރުއްވައި މިހާރު މަގާމުން ވަކިވެވަޑައިގެންފައިވާ އިގްތިސޯދީ މާހިރަކު އިންފްލޭޝަން މައްސަލައާ ގުޅިގެން ވިދާޅުވި އެވެ.

ޖީ7 ގެ ބައްދަލުވުމުގައި ލީޑަރުންނާ ބައްދަލު ކުރައްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީނާ، ވަނީ އަގުތައް މަތިވުމުގެ މައްސަލާގައި ދާދިފަހުން ވާހަކަފުޅު ދައްކަވައި އިންޒާރު ދެއްވާފަ އެވެ. އެކަމަނާ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 ގައި ކުރިމަތިވި އޮމިކްރޯން ވައިރަހުގެ ރާޅަށް ފަހު މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޔޫކްރޭން - ރަޝިޔާ ހަނގުރާމައާއެކު މުޅި ދުނިޔޭގައި އިންފްލޭޝަން މައްސަލަ ގޯހުން ގޯހަށް ހިނގައިދާނެ އެވެ. މި ވާހަކަތަކާ ހަމައަށް އައިއިރު އިނގިރޭސިވިލާތުގައި މުދަލުގެ އަގުތައް ވަނީ ވޭތުވެދިޔަ 40 އަހަރު ދުވަހު ތެރޭގައި ނުދާ ވަރަށް އުފުލިގެން ގޮސްފަ އެވެ.

ދުނިޔެ އިންފްލޭޝަންގެ ރާޅެއްގައި

ބޭންކް އޮފް އިންގްލޭންޑުން ބުނެފައިވާ ގޮތުގައި އެޕްރީލް މަހު އެކަނި އިންފްލޭޝަން 10 ޕަސެންޓް ވަނީ އުފުލިފަ އެވެ. އެހެންވެ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި މި މައްސަލަކީ މުޅި ދުނިޔެއަށް ފޭދިގެން ދާނެ ބިރަކަށް ވެދާނެ އެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ ބާޒާރަށް އަންނަ އަވަސް ބޮޑު ލޮޅުމާއެކު ކާބޯތަކެތި އުފައްދަން ބޭނުންކުރާ ރޯމެޓީރިއަލްގެ އަގުތައް އުފުލެމުން ދިއުމެވެ. ހާއްސަކޮށް ޔޫކްރޭން - ރަޝިޔާ ހަނގުރާމައިގެ ސަބަބުން ގޮދަނުގެ އަގާއި ކައްކާ ތެލުގެ އަގު ބޮޑުވުމަކީ މުޅި ފުޑްޗެއިން އަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މި ކަމަކީ ގައުމުތަކުގެ އިންފްލޭޝަނާ ސީދާ އަސަރު ކުރާނެ ކަމެކެވެ. މި ރާޅު ވަނީ އަވަަށްޓެރި އިންޑިއާއާ ހަމަ އަށް ވެސް އައިސްފަ އެވެ. އެހެންވެ އެ ގައުމުން ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރަން ގޮދަން ބޭރު ކުރުން ހުއްޓާލާފަ އެވެ.

ސަރުކާރުން ސިއްރުކުރޭ

ދުނިޔޭގެ އަގުތަކުގެ މައިގަނޑުގައި އޮތް ރާއްޖެވެ ސް މި ބާނިގަނޑުން ސަލާމަތެއް ނުވާނެ އެެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ 90 ޕަސެންޓުގެ އިމްޕޯޓަށް ބަރޯސާވެފައި އޮތުމާއެކު ސަރުކާރުން އަޅާ ޅައެއްޗެހިން ރާއްޖެ މި އޮއިވަރުގެ ތެރެއަށް ލަވަމުންދާ ހަލުއި ކަމެވެ. ސަރުކާރުން މި ވާހަކަ ދައްކަން ބޭނުން ނުވިނަމަވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ އަގުގެ މަންޒަރު ވަނީ ފެންނަން ފަށާފަ އެވެ.

މިކަން ރީޗަަށް ފެންނަނީ އާއްމު ގޭބިސީގައި ބޭނުންކުރާ ބާވަތްތަކުގެ މުދަލުގެ ވަށިގަނށެއް ހަދައިލުމުންނެވެ. އަވަސްގެ ނިއުސްރޫމުން އިން މިފަދަ އާއްމު މުދަލުގެ ވަށިގަނޑެއް ހަދައި މިދިޔަ އަހަރާ އަޅާ ކިޔާލުމުން ފެންނަނީ އަގު ބޮޑުވުން ހުރި މިންވަރެވެ. މިދިޔަ އަހަރު ބޮޑު ކިރު ދަޅެއް ހުރީ 245ރ. އާއި 398ރ. އާ ދެމެދުގަ އެވެ. އަދި މެދު ސައިޒުގެ ދަޅެއް 180ރ. އާއި 340ރ. ވަަރަށް ލިބުނެވެ. ނަމަވެސް މިހާރު މި ބާވަތްތައް ހުރި އަގުތައް ބޮޑު ދަޅެއް 255ރ. 408ރ. އަށް އަދި މެދު ސައިޒުގެ ދަޅެއް 199ރ. އާއި 360ރ. އަދި ކުޑަ ކިރު ދަޅެއް 90ރ. އާއި 180ރ. ވަރަށެވެ. މި ބާވަތް އެކަނި ބަލާނަމަ އެވްރެޖުކޮށް 10ރ. އާއި 25ރ. ގެ ބޮޑުވުމެއް ފާހަގަ ކުރެވެ އެވެ. ކިރުގެ އަގުތައް ދުނިޔޭގައި މަތިވެފައިވާ އެއް ސަބަބަކީ ޔޫރަޕުގެ ބަކަރި ހުއިހައްޕާ ޕާމްތަކުން ވިއްކާ ރޯކިރުގެ އަގު ބޮޑު ކުރުމެވެ.

ރާއްޖެއަށް ހިކި ކިރު އެތެރެކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އަގުތައް ބޮޑުވަމުން ދިއުން ހަލުއިވެފައި ވެ އެވެ. ނަމަވެސް އަގުތައް ބޮޑުވިޔަ ނުދޭން ކުރެވެންހުރި ހުރިހާކަމެއް ކުރާނެ އެވެ.

"ވީހާ ވެސް ކުޑަ މާކަޕެއް ލައިގެން ވިއްކޭތޯ މި ބަލަނީ. މީގެ ރޯމެޓީރިއަލްއެއްކަންޏެއް ވެސް ނޫން އަގަށް އަސަރު ކުރަނީ. މުދާ އުފުލުމުގެ އަގުވެސް ތެލުގެ އަގާއެކު ބޮޑުވެއްޖެ. އެހެންވެ ދުނިޔޭގައި އަގު ވަނީ ބޮޑުވެފަ،" އޭނާ ވިދާޅުވި އެވެ.

ކިރުގެ ބާވަތްތަކުގެ އިތުރުން ފިނިކުރި ކުކުޅުގެ އަގުވެސް ވަނީ ބޮޑު ތަނުން އުފުލިފަ އެވެ. މިދިޔަ އަހަރުގެ ކުކުޅުގެ އަގު ހުރީ އެއް ކިލޯގެ ކުކުޅެއް 55ރ. އަށް އަދި 1.1 ކިލޯގެ ކުކުޅެއް 61ރ. އަށް ލިބުނުއިރު 800ގ. ގެކުކުޅެއް 45ރ. އަށެވެ. ނަމަވެސް މިހާރު އެއް ކިލޯ 55ރ. އަށް އަދި 1،1 ކިލޯ 61ރ. އަށްވުރު ވަނީ މަތިވެފަ އެވެ. މިދިޔަ އަހަރާ އަޅާ ކިޔާލާނަމަ އެވްރެޖުކޮށް 10ރ. ވަރުގެ ބޮޑުވުމެއް ފާހަގަވެ އެވެ.

އަގުތައް ބޮޑުވާނެ، ގިނަ ކަންތައްތަކެއް

އަގުތަކުގެ މަތިވުން މިގޮތުގައި ހުރިއިރު އަގު ބޮޑު ނުވާނެ ކަމަށް ބުނެވޭކަށް ނެތެވެ. އެހެން ބާވަތްތަކަށް ބަލާނަމަ ވެސް އަގު ވަނީ ބޮޑުވެފަ އެވެ. ގޭބިސީތަކުގައި ބޭނުން ކުރާ އެންމެ އަސާސީ މުދަލުގެ އަގު ވެސް އަގު މިދިޔަ އަހަރާ ކޮމްޕެއާކޮށްލާނަމަ ވަނީ ބޮޑުވެފަ އެވެ. މި އަގުތައް ބޮޑުވުމުގެ އެއް ސަބަބަކީ ދުނިޔެ އަށް އައިސްފައިވާ ބަދަލުތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުދާ އުފުލުގެ އަގުތައް މަތިވެގެން ދިއުން ހިމެނެ އެވެ. ކުރިން 48،000ރ. އަށް ހެދޭ ކޮންޓެއިނާއެއްގެ އަގު މިހާރު ހުރީ 90،000ރ. އަށްވުރެ މަތީގަ އެވެ. ކޮވިޑް-19 އަށްފަހު އައި މި ބަދަލަށް ފަހު ކޮންމެވެސް ވަރަކަށް ދަށްވާން ފެށި ނަމަވެސް އަނެއްކާ ކުރިމަތިވި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މިކަން ވަނީ އިތުރަށް ގޯސްވެފަ އެވެ. އަދި ރާއްޖެ އަށް ގެންނަ މުދާ އައުން ލަސްވެ މެލޭޝިއާ ފަދަ ބަނދަރުތަކުގައި މުދާ ތާށިވުމަކީ ވެސް އަގު ތަކަށް ބަދަލު އައި ސަބަބެވެ.

މި ސަބަބުތަކުގެ އިތުރުން ރާއްޖޭގައި މުދަލުގެ އަގު ބޮޑުވުމުގެ މައްސަލަ ބޮޑުވެދާނެ ކިތަންމެ "ޅައެއްޗެއް" ސަރުކާރުން ވެސް ވަނީ އަޅާފަ އެވެ. މިގޮތުން މިދިޔަ އަހަރު ހަތަރު ބިލިއަން ރުފިޔާ ޗާޕު ކޮށްގެން ސާކިއުލޭޝަނަށް ނެރުމާއި ކައިރި ކައިރީގައި ގެނައި ބައެއް ބަދަލުތައް ހިމެނެ އެވެ. އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އަގު ބޮޑުވުމަށް އެންމެ ބޮޑު ބާރެއް އެޅި އެއް ކަމަކީ ފައިސާ ޗާޕު ކުރުމެވެ. މަރުކަޒީ ބޭންކުން ވެސް ކުރިން ވަނީ ފައިސާ ޗާޕު ކޮށްފިނަމަ އަގު ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެމްއެމްއޭ އަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަރަށް ސާފުކޮށް ވިދާޅުވީ ރާއްޖޭގައި "ބޮޑު އަގަކީ އިމްޕޯޓް" ވާ އެއްޗެކެވެ. ރާއްޖޭގައި މުދަލުގެ އަގު ބޮޑުވާނެ ހަމައެކަނި ސަބަބަކީ މުދާ ބޭރުގެ ބާޒާރަށް އަންނަ ބަދަލެއްގެ ސަބަބުން ރާއްޖެ އިމްޕޯޓް ކުރާ މުދަލުގެ އަގު އުފުލުމެވެ.

ނަމަވެސް އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު މިއަދާ ހަމައަށް ބަލާނާނަމަ އަގު އުފުލަން ބާރު އަޅާނެ ކިތަންމެ ކަމެއް ސަރުކާރުން ވަނީ ކޮށްފަ އެވެ. މީގެތޭގައި މުސާރަ ބޮޑު ކުރުމާއި އިގްތިސޯދު ކޮވިޑް-19 އަށްފަހު ރަނގަޅަށް ހިންދެމިނުލެވިގެން އުޅެނިކޮށް ތައާރަފު ކުރި މިނިމަމް ވޭޖާއި މުސާރަތައް ބޮޑު ކުރަން ސަރުކާރުން އެޅި "އުސް ފިޔަވަޅު" ހިމެނެ އެވެ.

މިހުރިހާ ކަންކަމެއް އައިސް ވަށައި ޖެހުމުން ފެންނަނީ އަގުތަކަށް އަންނަމުންދާ ބޮޑު ބަދަލެވެ. އަދި ކުރިއަށް އޮތީ އިންތިހާބީ މޫސުމުގެ އަހަރުކަމަށްވުމާއެކު "ކޮންމެ ގޮތެއް ހަދާފައިވެސް ހޮވަން" އަޅާ "ދަހި" ފިޔަވަޅުތަކާއެކު އަންނަ އަހަރު ރާއްޖޭގައި އަގުތައް ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.