ބޮލީވުޑް

އާ އަހަރުުގެ ޗުއްޓީއަށް ގިނަ ތަރިން ރާއްޖޭގައި!

Dec 31, 2015

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ގިނަ ތަރިނަތްކެއް އާ އަހަރުގެ ޗުއްޓީއަށް ހިޔާރުކޮށްފައި މި އޮތީ ރާއްޖެ އެވެ. އެންމެ ފަހުން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަށް ބަލާ އިރު، ބޮލީވުޑްގެ ޒުވާންތަރި އަރްޖުން ކަޕޫރު ވެސް އަންނަނީ އާއަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރަމުންނެވެ. ދެބެއިންގެ ދެދަރިންގެ ކޮއްކޮ އާއި ދައްތަ ކަމަށްވާ ސޯނަމް ކަޕޫރާއި ރީއާ ކަޕޫރާއެކު އަރްޖުން ޗުއްޓީ މި އޮތީ ޑަބްލިއު މޯލްޑިވްސް ރިސޯޓްގަ އެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސޯނަމް އާއި ރީއާގެ އިތުރުން ބައެއް ރައްޓެހިން އާއަހަރު ފާހަގަކުރުމަށް ރާއްޖެ އައިސްފައިވާއިރު، އަރްޖުން ރާއްޖެ އައިސްފައިވަނީ އެމީހުންނަށް ވުރެން ފަހުންނެވެ.

އަރްޖުން އާއަހަރުގެ ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒިލެއް އޭނާ ހާމަކޮށްފައި ނުވި ނަމަވެސް، ސޯނަމް ވަނީ ސޯޝަލް މީޑިއާގައި އަރްޖުން އާއެކު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އަރްޖުން އާއި އޭނާގެ ކޮއްކޮމެންނާއި ބައެއް ރައްޓެހިންނާއެކު ރާއްޖޭގައި އަންނަނީ އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންނެވެ.

މިތަރިންގެ އިތުރުން އާއަހަރު ފާހަގަކުރުމަށް، ދިޕިކާ ވެސް ރާއްޖެ އައި ކަމަށް ހަބަރު ފެތުރެ އެވެ. އެކަމަކު އެކަން ޔަގީނެއް ނޫނެވެ. މީގެ އިތުރަށް މަޝްހޫރު ފުޓްބޯޅަތަރި ޑޭވިޑް ބެކަމް އާއި އާއިލާ ރީތިރަށުގައި އަންނަނީ އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންނެވެ. އަދި ޕޯޗްކަލްގެ ކުރީގެ ފުޓްބޯޅަ ތަރި ލުއިސް ފީގޯ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ މަނަފަރު ރިސޯޓްގަ އެވެ. އަދި އާ އަހަރުގެ ޗުއްޓީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން ރަންބީރު ވެސް ރާއްޖެ އައެވެ. އަދި ދިޕިއާ މީގެ ކުރިން ދެފަހަރަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި އެވެ.

އާއަހަރު ފެށުމާއި "ވިޒިޓް މޯލްޑިވްސް އިޔާ" ފެށުމަށް ބާއްވާ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އާއި ޓީވީ ތަރި ހުސައިން ކުވަޖަރްވާލާ އާއި ޑާންސް ޕްލަސް ޝޯއިން އެއްވަނަ އަށް ދިޔަ "ވީ ކޮމްޕެނީ" ވަނީ މިޝޯގައި ޕާފޯމްކުރުމަށް ރާއްޖެ އައިސްފަ އެވެ. މީގެ އިތުރަށް ސްޓާ ވާޒްގެ އަންނަ އަހަރުގެ ފިލްމްގެ މަންޒަރުތަކެއް ލ. އަތޮޅުގައި ވަނީ ނަގައިފަ އެވެ. އަދި އެކަހަލަ މަސައްކަތެއްގައި ހޮލިވޫޑްގެ މަޝްހޫރު ތަރި ޖޮނީޑެޕް ވެސް ރާއްޖެ އައިސްފައިވެ އެވެ.