ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑު ތަންފީޒު ކުރުން އަވަސް ކުރުމަށް ގޮވާލާ މިއަދު އިހްތިޖާޖުކޮށްފި އެވެ.
މި އިހްތިޖާޖު މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތުގެ ކުރިމަތީގަ އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލްކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން އިންތިޒާމުކޮށްގެން މިއަދު ކުރިއަށް ގެންދިޔައީ ހިމޭން އިހްތިޖާޖެކެވެ.
އިހްތިޖާޖު ކުރީ މުވައްޒަފުންގެ ފަންނީ އޮނިގަނޑު ތަންފީޒު ކުރުން އަވަސް ކުރުމަށް ގޮވާލާ ޝުއޫރު ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެއެވެ. އަދި އެކަމުގެ "ތާރީހެއް ހޯދުމަށް" ނަމުގައި އެ ޔޫނިއަންގެ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވެއެވެ.
ސިއްހީ މަސައްކަތްތެރީން މިހާރު މަސައްކަތް ކުރަމުންދަނީ އިދާރީ އޮނިގަނޑެއްގައި ވަރަށް ކުޑަ މުސާރައަކަށް ކަމަށާއި އަދާކުރާ ވަޒީފާ އާއި އެކަށޭނަ މުސާރައަކާއި ވަޒީފާގެ ކުރިއެރުން ލިބޭނެ މަގު ފަހިވެގެން ދާނީ ވަޒީފާގެ ފަންނީ އޮނިގަނޑުތައް ތަންފީޒުކުރެވިގެން ކަމަށް އެޔޫނިއަން އިން ބުނެއެވެ.
އެމްއެޗްޕީޔޫގެ އެކްސްކޮމް މެމްބަރު ހާޝިމް އަބޫބަކުރު ވިދާޅުވި ގޮތުގައި ސިއްހީ މަސައްކަތްތެރީން މިހާރު މަސައްކަތް ކުރަމުންދަނީ އިދާރީ އޮނިގަނޑެއްގައި ވަރަށް ކުޑަ މުސާރައަކަށެވެ. އަދޮ އަދާކުރާ ވަޒީފާއާ އެކަށޭނަ މުސާރައަކާއި ވަޒީފާގެ ކުރިއެރުން ލިބޭނެ މަގު ފަހިވެގެން ދާނީ ވަޒީފާގެ ފަންނީ އޮނިގަނޑުތައް ތަންފީޒުކުރެވިގެންނެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުކޮށްފައިވާއިރު ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ ފެބްރުއަރީ މަހު ވަނީ ވިދާޅުވެފަ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށް ޕޭ ކޮމިޝަނުން މިދިޔަ ހަފްތާ ތެރޭގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މުސާރަތައް ހާމަނައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ފިނޭންސް މިނިސްޓްރީން ދީފައިވެ އެވެ.