މިނިސްޓްރީ އޮފް ހެލްތު

ކާބޯތަކެތީގެ ރައްކާތެރިކަން ހިފަހައްޓާނަން: ޚަލީލް

ހޮޓާހޮޓަލާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުން ވިޔަފާރީގައި ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހާލީލް ވިދާޅުވެއްޖެ އެވެ.

ހޮޓާހޮޓަލާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ މާދަމާ އަމަލުކުރަން ފަށާ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ހަލީލް ވިދާޅުވީ ގާނޫނު ތަންފީޒުކުރަން ފެށުމުން އަންނާނެ އެންމެ ބޮޑު ބަދަލަކީ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ބެލޭނެ މިންގަނޑުތަކަކާއި ގޮތްތަކެއް ކަނޑައެޅިގެން ދިއުން ކަމަށެވެ. މީގެ ކުރިން ކާބޯތަކެތީގެ ރައްކާތެރިކަން އިންސްޕެކްޓު ކުރަމުން ދިޔަ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އެކަން ކުރަން ދިމާވި ދަތިތައް ފަހުގެ ގާނޫނުން ވަރަށް ބޮޑަށް ހައްލުވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ 21ގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ 1،579 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން 14 ތަނެއް ބަންދުކޮށްފައިވެ އެވެ. އަދި 13 ތަނެއް ގާނޫނާއި ގަވައިދުގައިވާ ގޮތަށް ކަންކަން އިސްލާހުކުރުމުން އަލުން ހުޅުވަން ހުއްދަ ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުކޮށް ސުވާލު އުފައްދަނީ އަދި ޝަކުވާތައްވެސް ލިބެނީ އެއްވެސް އިދާރާއަކު ރަޖިސްޓަރީ ނުކޮށް އެ ވިޔަފާރި ކުރާ މީހުން އުފައްދާ އެއްޗެއްސާ ގުޅޭގޮތުން ކަމަށެވެ. ކަންމަތީ ފިހާރަ ތަކުގައި ވިއްކަން ބަހައްޓަފައި ހުންނަ ކާބޯތަކެތީގައި އާންމުކޮށް ލޭބަލް ނުޖަހާ ހުންނަނީވެސް ރަޖިސްޓަރީ ނުކުރާ ތަންތަނުން އުފައްދާ ތަކެތީގައި ކަމަށާއި އެގޮތަށް އަމަލުކުރުމުން މައްސަލައެއް ދިމާވި ނަމަވެސް އެފަދަ ތަކެތި އުފައްދާ މީހުން ދެނެގަތުމަށް ދަތިވާ ކަމަށްވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ލޭބަލް ނުޖަހާ އެއްވެސް ތަނެއްގައި ކާބޯތަކެތި ވިއްކާނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކަންމަތީ ފިހާރަތަކުގައި ޕެކެޓްކޮށްފައި ބަހައްޓާ ތަކެތި ލޭބަލްކޮށްފައި ނޫނީ ދެން ނުބެހެއްޓޭނެ. އެގޮތަށް ހުންނަނަމަ ބަލައި ފާސް ކުރެވޭނެ. އެފަދަ ތަންތަނާ މެދުވެސް ފިޔަވަޅު އެޅޭނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ ހޮޓާހޮޓަލާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ބެހޭ ގާނޫނާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ފެށިގެން އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭތީ ގާނޫނާ ހިލާފު ނުވުމަށް ހުރިހާ ފަރާތްތަކަކަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ އާންމު ސިއްހަތު ކަށަވަރުކުރުމަށްޓަކައި ފިޔަަވަޅު އަޅަންޖެހޭ މީހުން ހޯދައި އެފަދަ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.