ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާމީ އުސޫލުތަކަށް ކުދިން ތަރުބިއްޔަތު ކުރަން އިލްތިމާސް ކުރައްވައިފި

May 10, 2022
2

ޒަމާނީ ތައުލީމުން ކުޑަކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި އެ ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ރައީސްގެ ހިތޯބުގައި ވަނީ މުޖުތަމައުގައި ހުރި ނޭދެވޭ ސިފަތަކާއި އަމަލުތަކުން ދުރުހެލިކޮށް، މުޖުތަމައުގެ ސުލްހަ އާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފަ އެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަރިންނަކީ މައިންބަފައިންގެ ފަހުރެއް ކަމުގައި ހެދޭނީ އެންމެ ޅަފަތުން ފެށިގެން ކުދިންނަށް ރަނގަޅު ތައުލީމާއި ރިވެތި ތަރުބިއްޔަތު ދީގެން ކަމަށެވެ. އެގޮތުން ދަރިންގެ ހިތްތަކުގައި އަނެކުންނަށް އިހްތިރާމް ކުރުމުގެ މާތް ސިފަ އަށަގެންނެވުމަށާއި ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުދިންގެ ވިސްނުމާއި ހިޔާލު ބައްޓަންކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓްގައި ލިޔުއްވި މެސެޖުވެސް އެމަނިކުފާނު ވަނީ ހިތޯބުގައި ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މީހަކީވެސް ކުޑަކުދިންގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.