ޔުމްނާ މައުމޫން

ރައްދު ދެއްވުމުން ފާޑުކިޔުން އަމާޒުވީ ޔުމްނާއަށް

ވެރިކަމުގައި ހުންނެވިއިރު ޖަލަށް ލެވުނު މީހުންގެ އަދަދު މަދީތޯ ސުވާލު ކުރައްވާ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެކަމަނާގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ދެއްވި ވަރުގަދަ ރައްދާއެކު އެކަމަނާއަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ވިލިމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ޖެހިވަޑަައިގަތް ސަބަބު ފުރަތަމަ ފަހަރަށް ހާމަކުރައްވާފަ އެވެ.

ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައި ނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

އޭގެ ފަހަށް ވިދާޅުވީ ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް ރައްޔިތުންގެ ހައްގަކަށް އަރައިގެންފި ނަމަ އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުއަށް އިޝާރާތް ކުރައްވާ ވިދާޅުވީ ޖަލުތައް ބޮޑު ކުރަން ޖެހޭ ކަމަށާ ޖަލަަށް ލާން ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.

ބޮޑުބޭބޭފުޅުގެ މިފަދަ ސިޔާސީ ވާހަކަތަކަށް އަބަދުވެސް ރައްދު ދެެއްވަވާ ޔުމްނާ މައުމޫން ވަނީ ރައީސް ޔާމީނަށް ދެ ސުވާލެއް އަމާޒު ކުރައްވާފައެވެ. ފުރަތަމަ އެއްސެވީ ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީތޯ އެވެ. އަދި ކުރީގައި ޖަލަށް ލެވުނުވަރު މަދީތޯ ސުވާލު ކުރެއްވިއެވެ.

"ޖަލުތަށް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީ ދެއްތޯ ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ،" ޔުމްނާ ސުވާލު ކުރައްވާފައިވެއެވެ.

ޔުމްނާގެ އެ ޓްވީޓާއެކު އެތައް ބައެއްގެ ފާޑުކިޔުން އެކަމަނާއަށް އަމާޒުވި އެވެ. ފާޑުކީ މީހުން ވަނީ ޖަލުގެ ވާހަކަ ދައްކަވަން ޔުމްނާ ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ވާހަކައެއް ދައްކަވާ އެހެން ބޭފުޅަކަށް ފާޑުވިދާޅުވާން ލަދުފުޅުގަންނަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޔުމްނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެތައް ބަޔަކު ޖަލުގައި ބަންދުކޮށް އަނިޔާ ދީފައިވާ ކަމަށާ ގިނަ ބަޔަކަށް ޖަލުގައި އަނިޔާ ލިބުނީ އެއްވެސް ކުށެއް ނުކުރަނީސް ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައިވެއެވެ. އެފަދަ ވަރަށް ގިނަ ވާހަކަތައް ޔުމްނާއަށް ހަނދާންވެސް ކޮށްދެއްވިއެވެ.

"އަޅުގަނޑުގެ މަންމަ ދެމަހުގެ ކޮއްކޮ އާއިއެކު ހައްޔަރު ކުރީ މައުމޫނާއި ދެކޮޅު ލިޔުންތަކެއް ބައްޕަ ލިޔުނު ކަމަށް މަންމަ ހެކިބަސް ނުދީގެން. އިންސާފުވެރި ޝަރީއަތެއް ކޮށްފިއްޔާ މައުމޫނު އަދިވެސް އޮންނާނީ ޖަލުގައި،" ޔުމްނާގެ ޓްވީޓަށް ރައްދުދީ ޒުވާނަކު ކުރި ޓްވީޓެއްގައިވެއެވެ.