އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހިލޭ ފްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ)ގެ ޕްރޮގްރާމެކެވެ.
ކޮވިޑް 19ގެ އެހީގެ ގޮތުގައި ލިބުނު އެހީގެ ދަށުން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީއާއި ގައުމީ ޔުނިވަސިޓީ -- އެމްއެންޔޫ ގުޅިގެންނެވެ.
އޭއޭޓީގެ ސެޓްފިކެޓް 3 އަދި 4 ޕްރޮގްރާމަކީ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓް ފެންވަރުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށާއި ގްރޭޑް 10 ނިންމާފައިވާ ކުދިންނަށް ބައިވެރިވެވޭނެ އެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވެ އެވެ.
މިމަހުގެ 29 ވަނަ ދުވަހު ފަށާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސް އިކޮނޮމިކް މިނިސްޓްރީން ދޭނެ އެވެ.
މި ޕްރޮގްރާމުގެ މުއްދަތަކީ އަށް މަސް ދުވަސް ގައުމީ ޔުނިވަސިޓީން ބުނެފައިވެ އެވެ.