ހަބަރު

ޓަވަރު އެއްބަސްވުން އުވާލުމުން ބަދަލު ހޯދަން އެމްއެންޔޫއިން ނިންމައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ: ހިޔާ މަޝްރޫއުގެ އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޔުނިވާސިޓިން ނިންމި -- ފައިލް ފޮޓޯ: އަވަސް
0%
0%
0%

"ހިޔާ" މަޝްރޫއުގައި އެޗްޑީސީއާއި ގައުމީ ޔުނިވާސިޓީ ވެފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލު ކުރުމުން ޔުނިވާސިޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ޔުނިވާސިޓީން ނިންމައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ބިން ހޯދަން ގައުމީ ޔުނިވާސިޓީން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2017 ވަނަ އަހަރުގަ އެވެ.

ހުޅުމާލެއިން ޔުނިވާސިޓީއަށް ކަނޑައަޅާފައިވާ ބިމުގައި ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރި އެވެ. އިއުލާނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އޮފީހުން ކަނޑައެޅި ފަރާތްތަކާއެކު އެއްބަސްވުމުގައި ވެސް ސޮއިކުރި އެވެ. އެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ގޮސްފައިވަނިކޮށް އެޗްޑީސީން ޔުނާވސިޓިއާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ.

ގައުމީ ޔުނިވާސިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންޓްރެކްޓަރާ ޔުނިވާސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށާއި އެޑްވާންސް ފައިސާގެ ގޮތުގައި ކޮންޓްރެކްޓަރަށް ދައްކަން ޖެހުނު އަދަދު ކޮންޓްރެކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ކޮންޓްރެކްޓަރާ ވެފައިވާ އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީން މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލީ މާއުލޫމާތު އެޗްޑީސީއަށާއި ރައީސް އޮފީހުގެ އިތުރަށް އިކޮނޮމިކް މިނިސްޓްރީއަށް ހިއްސާކުރި ކަމަށް ޔުނިވާސިޓީން ބުންޏެވެ. އަދި އެޗްޑީސީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޔުނިވާސިޓީއަށް ކަނޑައެޅި ބިމާއި ކޮންޓްރެކްޓަރުގެ މެޓީރިއަލްތައް ބަހައްޓަން ބޭނުންވާ ވަގުތީ ބިން ހަވާލުކޮށް ދިނުމަށް ވެސް ތަކުރާރުކޮށް އެދިފައިވާ ކަމަށް ވެސް ގައުމީ ޔުނިވާސިޓީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ތެރެއިން ހުއްޓާލާފައި ވަނީ އެއްވެސް މަސައްކަތެއް ނުފެށި ހުރި މަޝްރޫއުތައް ކަމަށް އެޗްޑީސީން ބުނި ނަމަވެސް ޔުނިވާސިޓީގެ މަޝްރޫއަކީ ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށްދާތާ އަށް މަސް ވެފައިވާ މަޝްރޫއެއް ކަމަށް ޔުނިވާސިޓީން ބުންޏެވެ.

"ކަން މިހެން އޮއްވައި އެޗްޑީސީން އެއްބަސްވުން އުވާލެއްވުމުން މަޝްރޫއު ކުރިއަށް ދެވޭނެ މަގެއް ފެނިފައި ނުވާތީ ޔުނިވާސިޓީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޔުނިވާސިޓީގެ މުވައްޒަފުންގެ މަސްލަހަތު ހިމާޔަތް ކުރަން ގާނޫނީ މަރުހަލާގެ ތެރެއިން ހައްލެއް ހޯދުމަށް މި ޔުނިވާސިޓީން މި ދަނީ މަސައްކަތް ކުރަމުންނެވެ." ގައުމީ ޔުނިވާސިޓީގެ ބަޔާނުގައިވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910