ހަބަރު

ވެށިފަހި ޕްރަގްރާމުން ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހޯދަނީ

Feb 24, 2020
2

ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންގެ މައުލޫމާތު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވެށިފަހި ޕްރަގްރާމްގެ ދަށުން ބޯހިޔާވަހިކަން ދޭނެކަމުގެ ލިޔުން ލިބި އެކަމަކު ގޯތި ލިބިފައިނުވާ ފަރާތްތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެކަމަށްޓަކައި އެ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެގޮތުން، އެ ޕްރޮގްރާމުގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލުނުކުރާ ފަރާތްތަކުގެ އިތުރުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތައް އެކަން ލިޔުމުން އަންގައިދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެފަދަ ފަރާތްތަކުން ބިން ނޫނީ ފްލެޓް ދޭނެކަމަށް ބުނެ ސަރުކާރުން ދީފައިވާ ލިޔުމާއި، އައިޑީ ކާޑު ކޮޕީގެ އިތުރުން ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއަކާއެކު އަންނަ މާޗު މަހުގެ 22 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުމަށް ހައުސިން މިނިސްޓްރީން އެދިފައިވެ އެވެ.

މީގެ 10 އަހަރު ކުރިން ސަރުކާރުން ފެށި ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ގޯތި ދޫކުރާނެކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވެސް މި މަހު ވަނީ ބުނެފަ އެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.