ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެޑިކަލް ސްކޫލުގައި ކިޔެވުމަށް އެއް ގައުމަކުން 500 އެޕްލިކޭޝަން!

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ
0%
100%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ހިންގަމުންދާ މެޑިކަލް ސްކޫލުގައި ކިޔެވުމަށް ބޭރުގެ ގައުމަކުން 500 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ދިވެހިން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށްދާ އުސޫލުން ބޭރު ގައުމުތަކުގެ ކުދިން ރާއްޖޭގައި ކިޔެވުމަށް ބޭނުންވާ ހުށަހަޅާ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މެޑިކަލް ސްކޫލުގެ ޖެނުއަރީ އިންޓޭކުގައި ކިޔެވުމަށް އެއް ގައުމަކުން 500 އެޕްލިކޭޝަން ލިބުނު ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަޒީރު ވިދާޅުވީ މެޑިކަލް ސްކޫލަކީ އަދި ފަށައިގެންތާ މާގިނަ އަހަރުތަކެއް ވެފައިވާ ތަނަކަށް ނުވާތީ އެތަނަށް ޖާގައާއި ވަސީލަތުގެ ދަތިކަން މިވަގުތު އެބަހުރި ކަމަށެވެ. އެހެންކަމުން މިވަގުތު މެޑިކަލް ސްކޫލުގައި ޖާގަ ދެވެން އޮތީ ހަމައެކަނި ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ދަރިވަރުންގެ ޑިމާންޑުވެސް މެޑިކަލް ސްކޫލުގެ ކޯސްތަކަށް ވަރަށް ބޮޑު،" ނަޒީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި ޖާގަ ތަނަވަސް މެޑިކަލް ސްކޫލެއް ބިނާކުރުމަށް އެމްއެންޔޫއަށް ވަނީ ބިމެއްވެސް ދީފަ އެވެ

ނަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެ ބިމުގައި ވީއެންމެ އަވަހަށް ފެންވަރު ރަނގަޅު މެޑިކަލް ސްކޫލަކާއި ދަނާލެއް ބިނާކޮށް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުން ކަމަށެވެ. ބޭރުގެ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއަށް ގެނައުން އިތުރުކުރުމަށްޓަކައި ވިސާގެ ލުއިތަކާއި އެހެންވެސް އިންތިޒާމުތައް ފަސޭހައިން ހަމަޖެހޭނެ ގޮތް ހެދުމަށް ކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހެސެޓޯރަލް ގާނޫނެއް ވުޖޫދު ކުރުމާއި، ފަސޭހަކަމާއެކު އެކޮމޮޑޭޝަން ލިބޭނެ ގޮތް ފަހިގޮތް ހަމަޖެއްސުމަށްޓަކައި ހުޅުމާލޭގައި ދާނާލެއް އެޅުން،" ނަޒީރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ފަސް އިންސައްތަ އަކީ ބޭރުގެ ދަރިވަރުން ކަމަށް ހެދުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910