ގައުމީ ޔުނިވާސިޓީ

ދިރާސާކުރުމަށް ބޭނުންވާ މާލީ އެހީ އެމްއެންޔޫއިން ފޯރުކޮށްދީފި

ދިރާސާވެރިންނާއި ފޮތް ލިޔާ މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފޯރުކޮށްދީފި އެވެ.

އެމްއެންޔޫގައި "އެމްއެންޔޫ ރިސާޗް ގްރާންޓްސް އެވޯޑިން ސެރެމޮނީ 2024"ގެ ނަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މާލީ އެހީތެރިކަން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

އެމްއެންޔޫއިން ވަނީ އެތައް މައުލޫއަކަށް ދިރާސާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެތެރޭގައި ކ. ތިލަފުށީގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ދިވެހިރާއްޖޭގައި ކެންސަރު އިތުރު ވެފައިވާ މިންވަރާއި، އެ ބަލި ޖެހުމަށް ދިމާވާ ސަބަބުތަކާއި، ހއ އަދި ޅ އަތޮޅާއި ދޭތެރޭގައިވާ ހަތް އަތޮޅުގެ މަސްވެރިކަމާއި، ހުސްބިންތަކާއި އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަން ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ ހޯދުމަށް އަލުން ފަރުމާކުރުމާއި، ޒުވާނުން ދިވެހި ބަހާމެދު ދެކޭގޮތާއި ދިވެހި ބަހުގެ ގާބިލުކަން މިންކުރާ ގޮތުގެ އިތުރުން މަތީ ތައުލީމު ހާސިލްކުރާ ފިރިހެން ދަރިވަރުންގެ އަދަދު މަދުވާ ސަބަބުތައް ދިރާސާކުރުން ހިމެނެ އެވެ.

މީގެއިތުރުން ފޮތް ލިޔާ މީހުންނަށް ހާއްސަކޮށް ބޭއްވި "އެމްއެންޔޫ ބުކް ރައިޓިން ގްރާންޓް އެވޯޑިން ސެރެމޮނީ 2024" ރަސްމިއްޔާތުގައި ވެސް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މާލީ އެހީތެރިކަން ލިބުނު ފޮތްތަކުގެ ތެރޭގައި "އެޕްލައިޑް ބަޔޯމެޑިކަލް ސައިންސް: ޓެކްނީކްސް އެންޑް ޕްރޮޓޮކޯލްސް"، "އެކްސްޕްލޮއިޓޭޝަން އޮފް އާޓިފިޝަލް އިންޓެލިޖެންސް: ޓްރާންސްފޮރމޭޓިވް އެޕްލިކޭޝަންސް އެކްރޮސް ޑިސިޕްލިންސް"، "ވިލުން" އަދި "އަ ބްރީފް އިންޓްރޮޑަކްޝަން ޓު މޯލްޑިވިއަން ކްރިމިނަލް ލޯ" ހިމެނެ އެވެ.

އެމްއެންޔޫއިން ދަނީ ރާއްޖޭގައި އެކި ދާއިރާތަކުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި ރާއްޖޭގެ ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުގެ ދިރާސާތަކެއް ކުރަމުންނެވެ.