މާދަމާ އޮންނަ ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ވިލިމާލޭގެ ރައްޔިތެކެވެ. ވިލިމާލޭގެ ތަރައްގީއާ ކުރިއެރުމަށް މިހާތަނަށް ކުރެވުނު މުހިންމު ކޮންމެ މަސައްކަތެއްގައި ބައިވެރިވި ބޭފުޅެކެވެ.
އެ އަވަށުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި މިއަދާ ހަމައަށް ދެ ގޮތެއް ނުވެ ހިދުމަތުގައި ހުންނެވި ހިދުމަތްތެރިއެކެވެ. އިޖްތިމާއީ ދާއިރާ އާއި ފިޓްނެސްގެ ދާއިރާއިން އަދި އަންހެނުންނާއި ގުޅުން ހުރި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އުމަރު އިބްރާހިމް (ކުޅުދުއްފުށި އުމަރުބެ) އާއި ގދ. ގައްދޫ ސަބީހާ މުހައްމަދަށް ލިބިފައިވާ އައިމިނަތު ޝީޒާއަކީ އަމީނިއްޔާ ސުކޫލުން ކިޔެވުމަށް ފަހު މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝީޒާ ވަނީ ސަރުކާރުގެ އެތަކެއް އިދާރާތަކެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން މިނިސްޓްރީގެ ފިނޭންސްގެ ސެކްްރެޓަރީ ކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފޮރިން އެކްސްޗޭންޖް އޮފިސަރު ކަމުގެ މަގާމާއި ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސްގެ އެކައުންޓް އޮފިސަރުގެ މަގާމު ފުރުއްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެޓޯލްސްގެ ސީނިއާ އެކައުންޓްސް އޮފިސަރުގެ މަގާމު އަދާކުރައްވާފައިވެއެވެ.
ޝީޒާ ވަނީ 16 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ.
ޝީޒާ އަކީ އިޖްތިމާއީ މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަމިއްލަ ދިރިއުޅުމަށް ވެސް ބުރަކޮށް މަސައްކަތް ކުރައްވާ ހީވާގި ނަމޫނާ އަންހެން ބޭފުޅެކެވެ. ކޭކު އަޅުއްވާ ވިއްކެވުމުގެ މަސައްކަތް ކުރައްވައެވެ. އެ މަސައްކަތް ދަސްކުރަން ބޭނުންވާ މީހުންނަށް ތަމްރީން ދިނުމުގެ މަސައްކަތް ކުރައްވައެވެ. މީގެ އިތުރުން ޒުވާނުންނަށް އަދި ތަފާތު އުމުރުގެ މީހުންނަށް ކަސްރަތު ކުލާސްތައް ހިންގައި ހައްދަވައެވެ.
އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޒުންބާ ފިޓްނަސް އިންސްޓްރެކްޓަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް އަޅާލާ އެންޖީއެއް ކަމުގައިވާ "ވީ ލަވްސް" ގެ އެކްސްކޯ މެންބަރެކެވެ.
ޝީޒާގެ އެންމެ ބޮޑު އުންމީދަކީ އަންހެނުން ނަކީ ބާރުވެރި ބަޔަކަށް ވުމެވެ. ވިލިގިލީގެ ތަރައްގީއަށް މަދުވެފައިވާ ކަންކަން ފުރިހަމަ ވެގެން ދިއުމެވެ. ވިލިމާލެއަކީ ފުއްދުންތެރި އިގްތިސާދެއް އޮތް އަވަށަކަށް ވެގެން ދިއުމެވެ. ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރެވި ރައްކާތެރި މާހައުލަކަށް އެ އަވަށް ބަދަލުވެގެން ދިއުމެވެ. ނުކުޅެދުންތެރިކަން ހުންން ކުދީންނާއި މީހުންނަށް ފުރުސަތު ފަހި އަޅާލުން ބޮޑު މުޖްތަމައުއަކަށް ވެގެން ދިއުމެވެ.
ކުޅިވަރާއި ކަސްރަތުގެ ފުރުސަތު އޮތް ދިރިއުޅެން ހިތްފަސޭހަ މާހައުލަކަށް ވެގެން ދިއުމެވެ.
އެކަންކަމަށް ޝީޒާ ގެންދިޔައީ ވަކާލާތު ކުރައްވަމުންނެވެ. އަޑުއުފުއްލަވަމުންނެވެ. ކުރިއަށްވެސް ހުންނެވީ އެގޮތުގައެވެ.
ވަކީން ހާއްސަކޮށް ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ އެ މަސައްކަތް އިތުރު ހަރުފަތަކަށް މައްޗަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ. ހާއްސަ ގޮތެއްގައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކަން ޔަގީން ކުރެއްވުމަށް އަޑުއުފުއްލަވާނެ އެވެ. ކަމާގުޅޭ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ އެވެ.
ވިލިމާލެ ރައްޔިތުންގެ ކިބައިން ޝީޒާ އެދެނީ ވިލިމާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް އިންތިހާބު ކޮށްދެއްވުމަށެވެ. އެއީ ރައްޔިތުންގެ ލާބައާ މަންފާއަށް ސިޔާސީ ދާއިރާއިން ހިދުމަތް ކުރުމުގެ ފޮނި އުންމީދު ގައެވެ. ޝީޒާގެ ކެންޑިޑޭޓް ނަންބަރަކީ ދެ އެކެވެ.