އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ ކެންޕެއިން ހިންގި އިންތިހާބެވެ. އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރުނު އިންތިހާބަށް ތިން ޕާޓީން ވެސް ކޮށްފައިވަނީ ވަރުގަދަ ކެންޕޭނެކެވެ. އިންތިހާ ގިނަ ވަގުތާއި ހަރަދު ބޮޑު ކެންޕެއިނެއް ވެސް މެއެވެ. މިދިޔަ މަހެއްހާ ދުވަހު ދައުލަތުގެ އިސްވެރިން މި ކެންޕެއިނަށް ހޭދަކުރި ވަގުތާއި ކުރެއްވި މަސައްކަތުން މިއީ މަޖިލީހުގެ މި ދައުރުގެ "ރަން ގޮނޑި" ކަމަށް ބުނެވި ދާނެ އެވެ. ރައީސް ސޯލިހް ދެ ފަހަރަށް ރަށްރަށަށް ކެންޕެއިނަށް ވަޑައިގަތެވެ. ނާއިބު ރައީސާއި ހުރިހާ ވަޒީރުންހެން ވަޑައިގަތެވެ. ކޯލިޝަން ލީޑަރުން ވަޑައިގަތެވެ. ބައެއް ބޭފުޅުން ދިހަ ބާރަ ދުވަސް ވަންދެން ތިއްބެވީ އެ ދާއިރާގައި ގެއިން ގެއަށް ހިނގެވުމުގަ އެވެ.
އިދިކޮޅު ދެ ޕާޓީން ވެސް ފެނުނީ އެ މަންޒަރެވެ. ރައީސް ޔާމީން ވެސް ވަނީ ކެންޕެއިނަށް ވަޑައިގެން ރައްޔިތުންގެ ތާއީދު އެ ޕާޓީގެ ކެންޑިޑޭޓަށް ހޯއްދަވަން މަސައްކަތް ކުރައްވާފަ އެވެ. ރެލީތަކާއި އެއްވުންތައް ބޭއްވެވިއެވެ. އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި އިސް ބޭފުޅުން މިދިޔަ ދިހަ ވަރަކަށް ދުވަހު އުޅުއްވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައެވެ.
އެމްއެންޕީއަކީ މި ފަހުން އުފެދުނު ޕާޓީއެއް ނަމަވެސް ވަރުގަދަ ކެންޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އެތައް ދުވަހެއް ހޭދަ ކުރެއްވީ އެ ދާއިރާގެ ރަށްތަކުގައެވެ. ތިން ރަށުގައި އެތައް ކެންޕެއިނެއް ޖަގަހައެއް ހުޅުވާ އިންތިހާބުން މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ.
ކޮމަންޑޫ ގޮނޑި ދިފާއު ކުރުމަށް އެމްޑީޕީ އާއި ސަރުކާރުން ކޮށްފައިވަނީ އާދަޔާ ހިލާފު ކެންޕެއިނެކެވެ. ޒަމާނުއްސުރެ އެމްޑީޕީން ދަމަހައްޓަމުން އައި ބައެއް އުސޫލުތައް މި ކެންޕެއިނަށް ދޫކޮށްލި މަންޒަރު ފެނުނެވެ. މި ސަރުކާރުން ފެނިގެން ހިނގައިދާނެ ކަމަށް ހީކުރެވިފައި ނެތް އެތައް ކަމެއް މި ކެންޕެއިނާއެކު ފެނިގެން ހިނގައްޖެ އެވެ. ވާދަވެރިންގެ ގޮތުގައި ތިއްބެވި ދުވަސްވަރު ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކާއި ދިމާ އިދިކޮޅު ކިތަންމެ ކަމެއް ފެނިގެން ދިޔައެވެ.
އެންމެ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކީ އިންތިހާބާ ދިމާކޮށް ފެއްޓެވި މަޝްރޫއުތަކެވެ. ފާޑުކިޔުންތައް ކިތަންމެ ވަރަކަށް އަމާޒުވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެންމެ ފަހު ވަގުތާއި ޖެހެންދެން ސަރުކާރުން ގެންދިޔައީ އެ ދާއިރާއަށް ކޮށްދެވެން އޮތް ކަމެއް ކޮށް ދެމުންނެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުން ފެށިގެން ދާއިރާގެ ރަށްރަށަށް ސަރުކާރުގެ ކުންފުނިތަކުން ކުލަ ހަދިޔާކުރުމާ ހިސާބަށް ކަންކަން ގެންދެވިއެވެ.
އަމާޒުވާ ފާޑުކިޔުންތަކަށް ސަރުކާރުން ދެމުން ދިޔަ ރައްދަކީ އެއީ ކެންޕެއިނަށް ކުރާ ކަމެއް ނޫން ކަމެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަމާޒުވާ ފާޑުކިޔުމަކަށް ނުބަލާނެ ކަމެވެ.
އަނެއް ކޮޅުން މި ގޮނޑި އެމްޑީޕީއަށް ހޯދައިދޭން ނިކުންނެވި ކޯލިޝަން ލީޑަރުން ދެއްކެވީވެސް ކުރީން ދައްކަވާފައިވާ ވާހަކަތަކާއި މުޅީން ދިމާ އިދިކޮޅު ވާހަކަތެކެވެ. ސަރުކާރު ލަދުގަންނަވާލައިގެން ހިދުމަތް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. ރައީސް ހިތުގައި ޖައްސައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީއަށް ނޫނެކޭ ބުނެފިނަމަ ކުރިއަށް އޮތް ދެ އަހަރު ތަރައްގީން މަހުރޫމް ވެދާނެ ކަމަށް ވިދާޅުވިއެވެ. އަސާސީ ހިދުމަތްތައް ކަމަށްވާ އާސަންދަވެސް ނުލިބޭ ހާލަތަށް ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.
އެހެންވީމަ އޮތް ހަމަ އެކަނި ހައްލަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓްދީ އެ ކެންޑިޑޭޓް ހޮވައިދިނުން ކަމަށް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. މި މޭރުމުން އެ ބޭފުޅުން ވާހަކަ ދެއްކެވިއިރު މިއީ މީގެ ކުރީން އެހެން އެއްވެސް ލީޑަރަކު އެމްޑީޕީއަށް ނުރުހުމުގެ ބަސްތައް ރައްދު ނުކުރާ މިންވަރަށް އެ ޕާޓީއަށް އެފަދަ ބަސްތައް ރަައްދު ކުރައްވާފައިވާ ބޭފުޅުންނެވެ.
ކޮންމެ އަކަށް ވަރުގަަދަ ކެންޕެއިނަކަށް ފަހު އިއްޔެ ވަނީ ކޮމަންޑޫ ބައި އިލެކްޝަންގެ ވޯޓް ނެގުން ކުރިއަށް ގެންގޮސް ރައްޔިތުންގެ ނިންމުން ނިންމާފައެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. 1،401 ވޯޓް ހޯއްދަވައިގެންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 1،161 ވޯޓެވެ. ދެ ކެޑިޑޭޓުންގެ މެދުގައި 240 ވޯޓްގެ ތަފާތު ހުއްޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ 323 ވޯޓެވެ.
ނަތީޖާ ކަށަވަރު ވުމާއެކު ދެން އައީ އިންތިހާބުގެ ނަތީޖާއާމެދު ކުރެވޭ ބަހުސެވެ. ގޮނޑި ކަށަވަރު ކުރެވުނަސް މިއީ ސަރުކާރަށް ލިބުނު މޮޅެއް ހެއްޔޭ ބުނެ ކުރެވޭ ބަހުސެވެ. 300 މިލިއަން ރުފިޔާގެ މަޝްރޫއާއި މުޅި ސަރުކާރު މަސް ދުވަސް ވަންދެން ކެންޕެއިން ކޮށްގެން ލިބުނު ނަތީޖާ ރަނގަޅު ހެއްޔޭ ބުނެ ކުރެވޭ ބަހުސެވެ.
އިއްޔެގެ އިންތިހާބަކީ ސަރުކާރާއި އެމްޑީޕީގެ ނަޒަރުގައި ބޮޑު ކާމިޔާބެކެވެ. ޕީޕީއެމަށް ގޮނޑި ނުލިބުނަސް އެ ޕާޓީންވެސް ބުނީ ލިބުނީ ކާމިޔާބެއް ކަމެވެ. ކުރީން އެއްވެސް އިންތިހާބަކުން ނުލިބޭ ވަރަށް މިފަހަރު އެ ދާއިރާއިން ވޯޓް ލިބިއްޖެ ކަމަށެވެ. އެތައް ނުފޫޒަކާއި ދެކޮޅަށް ނިކުމެ އެވަރުގެ ކާމިޔާބެއް ލިބުމަކީ ޕީޕީއެމަށް ލިބުނު ގަދަ ހިތްވަރެއް ކަމެވެ.
އެމްއެންޕީން ދެކޭ ގޮތުގައިވެސް ހަގު އުމުރުގައި އޮތް އެ ޕާޓީއަށް އިއްޔެ އިންތިހާބަކީ ކާމިޔާބު އިންތިހާބެކެވެ. އެންމެ ބޮޑު ކާމިޔާބަކީ އެންމެ ވަރުގަދަ ދެ ޕާޓީއާ ވާދަކޮށްލަން ނިކުންނަން ކެރުމުގެ ހިތްވަރެވެ. އިންތިހާބަށް ނިކުމެ ވަރުގަދަ ފައިޓެއް ދޭން ކެރުމަކީ ކުޑަ ކަމެއް ނޫން ކަމެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންްގެ ނަތީޖާއާމެދު ކުރެވޭ ބަހުސް ފުޅާވެފައިވާއިރު ކޮންމެ ގޮތަކުންވެސް އިއްޔެގެ ނަތީޖާއަކީ ސަރުކާރަށް މޮޅެެކެވެ. ކާމިޔާބެކެވެ. ކޮންމެ ބަަޔަކުވެސް އިންތިހާބަކަށް ނިކުންނާނީ މޮޅުވާށެވެ. ގޮނޑި ހޯދާށެވެ. އެ ކާމިޔާބު ބޭނުންވާނީ ވަަރަށް މަތީ އަގުލަަބިއްޔަތަކުންނެވެ. ވާދަވެރިންނާއި ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
240 ވޯޓްގެ ތަފާތަކީ މިފަދަ ވާދަވެރި އިންތިހާބެއްގައި ހެޔޮވަރު ތަފާތެކެވެ. އަމުދުން އިންތިހާބެއްގައި އެންމެ ވޯޓަކުން މޮޅުވިޔަސް އެ މޮޅުވީއެވެ. އެ ގޮތުން ބަލާނަމަ މިއީ ސަރުކާރާއި އެމްޑީޕީއަށް އަދި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޕާޓީތަކަށް ކާމިޔާބެކެވެ. ގައިމުވެސް މި މޮޅުން ބޮޑު ލަދަކުން އެ ބޭފުޅުން އެ ތިއްބެވީ ސަލާމަތް ވެގެނެވެ.
އަނެއް ކޮޅުން އިިދިކޮޅު އޮތީ ގައުމީ މަސައްކަތެއް ކަމުގައި ދެކި ވަރުގަދަ ކެންޕެއިނެއް ފަށައިގެންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ސަރުކާރު އޮތީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ރައްޔިތުން ތިބި ގޮތް ބޭރު ދުނިޔެ އަށް ވަކީން ހާއްސަކޮށް އެކުވެރި އިންޑިއާއަށް ދައްކާލަން ބޭނުންވެފައެވެ. އިއްޔެގެ އިންތިހާބުން ސަރުކާރަށް އެކަންވެސް ކާމިޔާބު ވެއްޖެ އެވެ.
އެގޮތުންވެސް ސަރުކާރަށް ލިބުނީ ކުޑަ މޮޅެއް ނޫނެވެ. ދެން އޮތީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބަށް ހިތްހަމަޖެހޭ ހިސާބެއް ޖަހާލާ ކާމިޔާބު ހޯދަން ރަނގަޅު ފޯމިއުލާއެއް ރާވާލަންވެސް އިއްޔެގެ ނަތީޖާ ސަރުކާރަށް މުހިންމެވެ. ރަނގަޅެވެ. އިންތިހާބުން މޮޅުވުމަކީ ރިޔާސީ އިންތިހާބަށް އުންމީދާއެކު ކުރިމަތިލާން ލިބުނު ހިތްވަރެކެވެ. ބާރެކެވެ. އަނެއް ކޮޅުން މިފަހަރު އިންތިހާބުން މޮޅުވާން ކުރި ލައްކަ މަސައްކަތް އެހެން ހަރުފަތަކަށް ޖައްސާލާ ރިޔާސީ އިންތިހާބުން މޮޅުވެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރަށް މި ލިބުނީ ފުރުސަތެކެވެ.
މި ހުރިހާ ކަމަކުން އިއްޔެގެ ނަތީޖާއަކީ ސަރުކާރަށް މޮޅެކެވެ. ހިތްހަމަ ޖެހުމެވެ.