މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ކެންޑިޑޭޓްގެ ކެމްޕޭނު ޖަހަގަ ހުޅުވައިފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ އާމިނަތު ޝީޒާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި އެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ މިރޭ މި ޖަގަހަ ހުޅުވައިދެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

އިޖްތިމާއީ ހިދުމަތުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝީޒާއަކީ ވިލިމާލޭގައި ހިންގިފައިވާ ވަރަށް ގިނަ އިޖްތިމާއީ ހިދުމަތްތަކުގައި ލީޑު ކުރެއްވި ބޭފުޅެކެވެ. ވީލަސް އެންޖީއޯ އާއި ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރުން އެ އަވަށުގެ ސުކޫލަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވިއެވެ.

އެ ހިދުމަތްތައް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ޝީޒާ މިރޭވެސް ވަނީ ދެއްވާފައެވެ.

"ސްކޫލުންވެސް ގޮވާލާ ކޮންމެ ފަހަރަކު އަޅުގަނޑު އެހީތެރިވަން. ވީލަސް ޖަމިއްޔާއިން ކުރާ ހުރިހާ މަސައްކަތެއްގެ އިސް ސަފުގައި އަޅުގަނޑު ހަރަކާތްތެރިވަން،" ޝީޒާ ވިދާޅުވިއެވެ.

ޖަގަހަ ހުޅުވައިދެއްވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވިލިމާލެއަށް އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓް ޝީޒާއަށް ވުރެ ގާބިލް ދެވަނަ ކެންޑިޑޭޓެއް ނެތް ކަމަށެވެ. ޝީޒާއަކީ ދާއިރާގެ ރައްޔިތުންނާއި ގުޅޭ ވަރަށް ގާބިލް އަދި ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. ވިލިގިލީގައި ކުރާ ކޮންމެ ކަމެއްގައި ޝީޒާގެ ބައިވެރިވުން މިހާތަނަށް އޮތް ކަމަށާ ކުރިއަށް އޮތްތާ އެ ބައިވެރިވުން އިތުރަށް ބޮޑުވާނެ ކަމަށެވެ.

އަދި ރައްޔިތުން ބާރުވެރިކޮށް ފުއްދުންތެރި ބަޔަކަށް ހެދުމަށް އެ ޕާޓީން ކުރާ މަސައްކަތުގައި ޝީޒާ އިންތިހާބު ކޮށްދެއްވައިފިނަމަ އިތުރު ހިތްވަރަކަށް އެކަން ވެގެން ދާނެ ކަމަށެވެ. ސިޔާސީ ކަންކަމަށް ފާޑުކިޔުމާ ޖެއްސުން ކުރުމުގައި އެމްއެންޕީގެ ވަގުތު ހޭދަ ނުކުރާނެ ކަމަށާ އެ ޕާޓީން ނިކުމެ އޮތީ އުފެއްދުންތެރި މަސައްކަތްތަކެއް ކުުރުމުގެ މަގުސަދުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.