ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެތައް ހިދުމަތެއް އެ އަވަށުން ލިބެން ނެތް ކަމަށާ މިއީ ނިމުން ގެންނަން ޖެހިފައި އޮތް މައްސަލައެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރާ އާމިނަތު ޝީޒާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ ވުޖޫދުކުރީ ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުުރުމަށް ކަމަށާ ރައްޔިތުންގެ ހެވާ ލާބަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި އެ ޕާޓީ ދެމި އޮންނާނީ ސާބިތު ކަމާއެކު ކަމަށެވެ. ވިލިމާލެއަކީ ވަރަށް ބޮޑަށް ބާކީ ކޮށްފައި އޮތް އަވަށެއް ކަމަށާ ނިމިދިޔަ ސަރުކާރާއި މިހާރު އޮތް ސަރުކާރުންވެސް ވިލިމާލޭގެ ތަރައްގީއަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައި ނުވާ ކަމަށެވެ. ވިލިމާލޭގައި ހުރި މައްސަލަތައް ހައްލު ކުރުން އަވަސް ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވިލިމާލެ ތަމްސީލު ކުރަން ހުންނެވީ އެމްއެންޕީގެ މެންބަރެއް ކަމަށާ ސަރުކާރު ޖަވާބުދާރީކޮށް ވިލިމާލެ ރައްޔިތުންގެ ހައްގުގައި އެ މެންބަރުން ގެންދަވަނީ އަޑުއުފުއްލަވަމުން ކަމަށެވެ. އަދި ޑަބްލިއުޑީސީގެ ގޮޑި އެ ޕާޓީއަށް ލިބިއްޖެނަމަ އެ އަޑު އިތުރަށް ބާރުކޮށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.
"އިއްޒަތެރި މެމްބަރު [އަހުމަދު އުޝާމް] ވަރަށް ގިނަ އެކިއެކި ދޮރުފަހަރުގައި ޓަކި ޖަހައި މަސައްކަތްކުރާތަން އަޅުގަނޑު ދެކެން. އަދި މަޖިލީހުގައި އެކަމަށް ހަގީގަތުގައި ވަކާލާތު ކުރައްވާ. އެހެންނަމަވެސް ބޮޑެތި ބަދަލުތަކެއް މިތަނަކުން [ވިލިމާލެ] ނުފެނޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވިލިމާލެއަށް އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓް ޝީޒާއަށް ވުރެ ގާބިލް ދެވަނަ ކެންޑިޑޭޓެއް ނެތް ކަމަށެވެ. ޝީޒާއަކީ ދާއިރާގެ ރައްޔިތުންނާއި ގުޅޭ ވަރަށް ގާބިލް އަދި ހިތްހެޔޮ ބޭފުޅެއް ކަމަށެވެ. ވިލިގިލީގައި ކުރާ ކޮންމެ ކަމެއްގައި ޝީޒާގެ ބައިވެރިވުން މިހާތަނަށް އޮތް ކަމަށާ ކުރިއަށް އޮތްތާ އެ ބައިވެރިވުން އިތުރަށް ބޮޑުވާނެ ކަމަށެވެ.
އަދި ރައްޔިތުން ބާރުވެރިކޮށް ފުއްދުންތެރި ބަޔަކަށް ހެދުމަށް އެ ޕާޓީން ކުރާ މަސައްކަތުގައި ޝީޒާ އިންތިހާބު ކޮށްދެއްވައިފިނަމަ އިތުރު ހިތްވަރަކަށް އެކަން ވެގެން ދާނެ ކަމަށެވެ. ސިޔާސީ ކަންކަމަށް ފާޑުކިޔުމާ ޖެއްސުން ކުރުމުގައި އެމްއެންޕީގެ ވަގުތު ހޭދަ ނުކުރާނެ ކަމަށާ އެ ޕާޓީން ނިކުމެ އޮތީ އުފެއްދުންތެރި މަސައްކަތްތަކެއް ކުުރުމުގެ މަގުސަދުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.