ތިލަމާލެ ބްރިޖް

އެސްޓީއޯ އިން ތިލަމާލެ ބްރިޖަށް ތިން މިލިއަން ޑޮލަރުގެ ކޮންކްރީޓް

ތިލަމާލެ ބްރިޖަށް އެސްޓީއޯ އިން ސަޕްލައިކޮށްދޭނީ- ސްޕެޝަލް ގްރޭޑް- ހައިގްރޭޑް ސްޓްރެންތް- ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ) ރެޑީމިކްސް ކޮންކްރީޓް އެވެ.

ތިލަމާލެ ބްރިޖުއަޅާ އިންޑިއާގެ އެފްކޮން އާއި ރާއްޖޭގެ އެސްޓީއޯއާއެކު ބުރާސްފަތި ދުވަހު ވަނީ ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން7500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް ރާއްޖޭގެ އެސްޓީއޯއިން ފޯރުކޮށްދޭނެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބުނެފައިވަނީ އެސްޓީއޯއިން ބުނީ ތިލަމާލެ ބްރިޖަށް ކޮންކްރީޓް ސަޕްލައި ކުރުން އެސްޓީއޯ އަށް ލިބިފައިވާ ކަމަށެވެ. އެކަމަކު މި ކޮންކްރީޓް އަށް ދާނެ އަދަދެއް ،މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 10 ބުރީގެ އިމާރާތެއްގެ ކޮންކްރީޓް

ނަމަވެސް، ބާޒާރުގައި މިހާރުގެ އަގަށް ބަލައި އަދި ލަފާކޮށް އަގު މަތިވެދާނެ މިންގަނޑުތަކަށް ބެލުމަށްފަހު ސްޕެޝަލް ގްރޭޑުގެ ހައި ސްޓްރެންޓް ރެޑީމިކްސްގެ 7500 ކިއުބިކް މީޓަރުގެ ލިބޭނެ އަގުގެ އަންދާޒާއެއް ހަދާއިރު ބްރިޖަށް ސަޕްލައި ކުރާ ކޮންކްރީޓްގެ އަގު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ އެންމެ ބޮޑުކޮށްވެސް ތިން މިލިއަން ޑޮލަރުގަ އެވެ. މި ކޮންކްރީޓްއަކީ 10-12 ބުރީގެ އިމާރާތެއް އޮނިގަނޑަށް ބޭނުންވާ ކޮންކްރީޓް އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ރެޑީމިކްސް ސަޕްލައި ކުރަނީ ތިލަމާލެ ބްރިޖުގެ މާލެ ކޮޅާއި ވިލިމާލެ ކޮޅުގެ އެއްގަމަށް ބްރިޖު ލޭންޑް ކުރާ ސަރަހައްދަށް އެޅުމަށެވެ. އެސްޓީއޯ އިން މިކަން އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

އާއްމު ގޮތެއްގައި ބްރިޖެއްގެ ތަނބަކަށް އެކި ވެސް 7500 ކިއުބިކް މީޓަރުގެ ކޮންކްރީޓަށް ވުރެ ގިނައިން ބޭނުންވާނެ އެވެ. ޗައިނާ އިން މާލެ އާއި ހުޅުލެއާ ދެމެދު އެޅި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖަށް 153،000 ކިއުބިކް މީޓަރުގެ ސްޕެޝަލް ގްރޭންޑުގެ ކޮންކްރީޓް ބޭނުންކޮށްފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ ތިލަމާލެ ބްރިޖުގެ ފައުންޑޭޝަންގެ އަމަލީ މަސައްކަތް މި އަހަރު ފަށައި 2024 ގައި ބްރިޖު ހުޅުވޭނެ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން ދަނީ ބްރިޖުގެ ސާވޭ މަސައްކަތް ތަކެވެ. މި ބްރިޖަކީ ތިލަމާލެ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ. މި ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ އޮތް 400 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އިންޑިއާ އިން ދޭ ލޯނާއި ދައުލަތުގެ ބަޖެޓުން ހިމަނަން ޖެހޭ ފައިސާ އެވެ.