ދުނިޔެ

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރުން ކުށްވެރިކުރަން

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރަން މިއީ އެކަށިގެންވާ ވަގުތު ނޫން ކަމަށް ބުނެ "ޖީސެވަން" ގައުމުތަކުން އިންޑިއާ ކުށްވެރި ކޮށްފި އެވެ.

ދުނިޔޭގައި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފާއިވާ ކަމަށް ބުނާ "ޖީސެވަން" ގައުމުތަކަކީ ފްރާންސް، ކެނެޑާ، ޖަޕާން، ޖަރުމަން، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ. ޔޫރަޕިއަން ޔޫނިއަން ވެސް މިބައިގަނޑުގައި ލިސްޓްކޮށްފައި އޮވެ އެވެ.

ޖަރުމަނުގެ އެގްރިކަލްޗަރު މިނިސްޓަރު ޖެމް އޯސްޓަމިއާ ވިދާޅުވި ގޮތުގައި ގޮދަންފުށް ލިބެންހުރި ކޮޅުތައް ބަންދުކޮށް އެކްސްޕޯޓްކުރަން ޝަރުތުތައް ކުރިމަތިކުރުމުން ދުނިޔޭގެ ހާލަތު ދެންވެސް ވާނީ އިތުރަށް ގޯހެވެ.

އޭނާ ވަނީ މިފަދައިން ބަސް ވިދާޅުވެ އިންޑިއާއަށް ހައްގު ނޫން ފާޑުކިޔާފަ އެވެ. ބާރުގަދަ ގައުމެއްގެ މިނިސްޓަރަކަށް ވެފައި އިންޑިއާއިން ގޮދަނާއި ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރީ ކީއްވެގެންކަން އަދި ގައުމުތަކަށް ދީފައި އޮތީ ކިހާ ލުޔެއްކަން ވެސް ޖެމް އޯސްޓަމިއާއަށް އެނގިވަޑައިގެންފައި ނެތެވެ.

އިންޑިއާއިން ގޮދަނާއި ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރުމަކީ އަލަށް ކުރި ކަމެއް ނޫނެވެ. އަދި މިއުސޫލުން އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، އިންޑިއާގެ ގޮދަންފުށަށް ބަރޯސާކުރާ ގައުމުތަކަށް އަބަދުވެސް އިންޑިއާއިން ފުށް ފޯރުކޮށްދެ އެވެ.

އިންޑިއާގައި މިއީ ހޫނުގަދަ ދުވަސްވަރެކެވެ. ގަދަހޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންވެފައި ވާއިރު އަނެއްކޮޅުގައި އޮތީ ހަނގުރާމަ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ގޮވާން އެކްސްޕޯޓްކުރާ އެއް ގައުމު ކަމަށްވާ ޔުކްރޭން އޮތީ ރަޝިއާގެ ހަމަލާތަކުގައި ފިތިފަ އެވެ. ގޮދާނާއި ގޮދަށްފުށް އެކްސްޕޯޓްކުރެވޭނެ ފަސޭހަ ގޮތެއް ނެތެވެ. އެތައް މިލިއަން ޓަނުގެ ގޮވާން ޔުކްރޭންގައި މިހާރު ވެސް ހުރީ ތާށިވެފަ އެވެ.

އިނާޑިއާއިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކުރުމޭ ބުނުމުގެ ބަދަލުގައި ރަނގަޅީ ގަވާއިދު ހަރުކަށިކުރުމޭ ބުނުމެވެ. އެއީ ނިއުދިއްލީގެ ހުއްދަ ލިބިގެން ފުށް އެކްސްޕޯޓްކުރުމަށް ހުރަހެއް ނެތުމުންނެވެ.

އިންޑިއާއަށް ކުރިމަތި ވެފައި އޮތް މޫސުމީ ބަދަލާ ހެދި އެގައުމަށް ބޭނުންވާ ވަރަށް ކާބޯތަކެތި ނެތުމަކީ ވެސް އޮތް ބިރެކެވެ. އަނެއްކޮޅުން އެންމެ އަސާސީ ބާވަތްތަކުގެ އަގުއުފުލި އާންމުން ހަޅޭއްލަވަން ފެށުން ވާނީ ސަރުކާރަށް ވަރަށް ބޮޑު މައްސަލައަކަށެވެ.