ޔުކްރެއިން

ޔުކްރޭނުން ފަސް ގައުމަކަށް ކަނޑައެޅި އެމްބެސެޑަރުން ޒެލެންސްކީ ވަކިކޮށްފި

ޔުކްރޭނުން ފަސް ގައުމަކަށް ފޮނުވާފައި ތިބި އެމްބެސެޑަރުން ރައީސް ވޮލޮދިމީރު ޒެލެހްސްކީ ވަކިކޮށްފި އެވެ. އޭގެ ތެރޭގައި ޔުކްރޭންގެ އިންޑިއާ ސަފީރު ވެސް ހިމެނެ އެވެ.

ޒެލެންސްކީގެ އަމުރަށް މަގާމުން ދުރުކުރި އެމްބެސެޑަރުންގެ ތެރޭގައި ޖަރުމަނާއި ޗެކް ރިޕަބްލިކް، ނޯވޭ، އަދި ހަންގޭރީ ހިމެނެ އެވެ. އެހެން ނަމަވެސް، ސަފީރުން ވަކިކުރި ސަބަބެއް ޒެލެންސްކީގެ އޮފީހުން ހާމައެއް ނުކުރެ އެވެ.

ރަޝިއާއިން ފެބުރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކުން ސަލާމަތްވެވެން އޮތީ ބޭރު ގައުމުތަކުން އެހީތެރިވެދީގެން ކަމަށް ޒެލެންސްކީ އަބަދު ވެސް ވިދާޅުވެ އެވެ. އަދި ބޭރު އެހީ ހޯދުމުގައި ސަފީރުން ބުރަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް ޒެލެންސްކީ އޮތީ އެދިވަޑައިގެންފަ އެވެ.

ޔުކްރޭނުން މި ހަތަރު ގައުމަށް ހަމަޖެއްސި ސަފީރުންނާ މެދު އަމަލުކުރާ ގޮތެއް ވެސް އަދި ހާމަ ނުކުރެ އެވެ. އެ ބޭފުޅުން އެހެން މަގާމަކަށް ބަދަލުކުރާ ވާހަކައެއް ވެސް އަދި ޚަބަރަކަށް ނާރަ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒަށް ލޮޅުން އަރައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ފަގީރު ގައުމުތަށް ބަނޑަށް ޖެހި ގައުމުތަކުގެ މެދުގައި ކާބޯތަކެތި ބެހެވިގެން ދިއުމަށް ދަތިވާނެ ކަަމަށް ވެސް އޮތީ އަންދާޒާ ކުރެވިފަ އެވެ.

ޔުކްރޭނުން ވިސްނާފައި އޮތީ ސަފީރުން މެދުވެރިކޮށް ގައުމުތަކުގެ ސަރުކާރަށް ވިސްނައި ދިނުމެވެ. އަދި ޔުކްރޭނުން ކާބޯތަކެތި ބޭރުކޮށް ބައިނަލްއަގްވާމީ ބާޒާރަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމުގައި ވެސް ގައުމުތަކުގެ އެހީތެރިކަން ބޮޑު ކަމަށް އޮތީ ބުނެފަ އެވެ.

ރިޕޯޓްތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ ސަފީރުން ވަކިކުރި ގައުމުތަކަކީ ސީދާ އަަދި އިޚުލާސްތެރި ގޮތުގައި ޔުކްރޭނާ ޗެނަލް ދިމާނުވާ ގައުމުތައް ކަމަށެވެ. ޔުކްރޭނަށް ކަމޭހިތާ ކަމަށް ދުނިޔެއަށް ދެއްކި ނަމަވެސް، އެ ގައުމުތަކުން ރަޝިއާ އާއެކު އޮންނަ ގުޅުން މާބާރުގަދަ ކަމަށެވެ.