ދުނިޔެ

ހިފައްޓާފައި ހުރި ރަޝިއާގެ މުދާތައް ބޭނުންކުރަން ޖެހިދާނެ: ޖަރުމަނު

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕްގެ ސެކިއުރިޓީ ބޭންކްތަކުގައި ހުރި ރަޝިއާގެ މުދާތައް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއަށް ލިބެންޖެހޭ 300 ބިލިއަން ޑޮލަރުގެ މުދާ ޔޫރަޕްގައި ހުރީ ހިފަހައްޓާފަ އެވެ.

މި މުދަލުން ފައިދާ ހޯދައި އަދި އެ ފައިސާ ބޭނުންކޮށްގެން ޔުކްރޭނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމަކީ އެމެރިކާއާއި ޔޫރަޕުން ދެކޭ ހުވަފެނެކެވެ. އަދި މި ފައިސާ ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި ހުޅަނގުން ސައްލާކުރާތާ -- ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ވީހާ ދުވަހެއް ވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވި ގޮތުން ރަޝިއާގެ ފައިސާ ބޭންކުތައި ބެހެއްޓުމުން ލިބޭ ފައިދާ -- އިންޓަރެސްޓްގެ ގޮތުގައި އިތުރުވާ ފައިސާ ޔުކްރޭނަށް ހޭދަކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ޖަރުމަނު ދެކޮޅުހަދާ ކަމެއް ނޫން ކަމަށް ޗާންސެލަރު ވިދާޅުވި އެވެ.

ރަޝިއާއަށް ލިބެންޖެހޭ ފައިސާ ޔޫރަޕްގެ ރައްކާތެރިކަމުގައި ހުރީ ނަގުދު ފައިސާގެ ގޮތުގަ އާއި ރަން އަދި ސަރުކާރުން ސަރުކާރަށް ވިއްކާ ބޮންޑުގެ ގޮތުގަ އެވެ. މީގެ ތެރެއިން 70 ޕަސެންޓް ހުރީ ބެލްޖިއަމްގެ ހަވާލުގަ އެވެ.

ބޭރު ގައުމުތަކުން ރަޝިއާއަށް ލިބެންޖެހޭ ބޭރު ފައިސާވެސް މީގެ ތެރޭގައި ހިމެނެ އެވެ.

އޯލަފް ޝޯލްޒްއަށް މިގޮތަށް ވާހަކަދައްކަވަން ޖެހިވަޑައިގަތީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޕްރޭޝަރަށެވެ.

ޔޫރަޕްގެ ބޭންކްތަކުގައި ހުރި ރަޝިއާގެ ފައިސާ ޔުކްރޭނަށް ހޭދަކުރެވޭ ގޮތެއް ހޯދުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ޔޫރަޕަށް ޕްރެޝަރުކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.

ރަޝިއާ ބުނާ ގޮތުން މި ފައިސާ އަކީ އެ ގައުމަށް ލިބެންޖެހޭ އެ ގައުމުގެ ހައްގެކެކެވެ. އަދި ރަޝިއާއަށް ނުލިބޭ ގޮތަށް މި ފައިސާގައި ޖެހިއްޖެނަމަ އެ ބަޔަކު ކަންކުރި ގޮތަށް -- އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އޮތީ ބުނެފަ އެވެ.

ރަޝިއާ ޖަވާބުދޭ ގޮތް، ރަޝިއާގެ ފައިސާގައި ޖެހުނު ބަޔަކަށް ކަމު ނުގޮސްފިނަމަ އަދި ވަގުތު އޮއްވައި މިކަމާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށްވެސް ރަޝިއާ އޮތީ ނަސޭހަތްތެރިވެފަ އެވެ.