އެމްޑީޕީ

ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް: އެމްޑީޕީ

May 16, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނަތީޖާ އަށް ބަދަލު އަންނަ ފަދަ ޝަކުވަތަކެއް ހުށަހަޅާފައި ނުވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް މަނިކު ވިދާޅުވީ އިންތިހާބާ ގުޅިގެން ޝަކުވާތަކެއް ލިބުނު ކަމަށެވެ. ކޮމިޓީން އެ ޝަކުވާތައް ބެލިއިރު އިންތިހާބުގެ އެއްވެސް ނަތީޖާއަކަށް ބަދަލު އަންނަ ވަރުގެ ޝަކުވާތަކެއް ހުށަހަޅާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ބައެއް ކަހަލަ ޝަކުވާތައް ހުރި ނަމަވެސް މި އިންތިހާބުގެ ކަންކަން ދިޔައީ ހަމަ ރަނގަޅަށް،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ އުސޫލުތަކާ އެއްގޮތަށް އިންތިހާބު ބޭއްވި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 28،000 އަށް ވުރެ ގިނަ ވޯޓް ފައްޔާޒް ވަނީ ހޯއްދަވާފަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ. ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ލިބިފައިވަނީ ފައްޔާޒަށެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހޮވުނީ ރޮޒައިނާ އާދަމް އެވެ.