ގއ. ވިލިނގިލި

ސައިކަލުތަކަށް ގެއްލުންދިން މީހުން އެނގޭ، ފިޔަވަޅު އަޅައިދޭން އެދިއްޖެ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވި އިމްތިޔާޒު ފަހްމީ (އިންތި) ގެ ކެމްޕެއިންގައި ގއ. ވިލިގިލީގައި އިސްކޮށް އުޅުނު މީހުންގެ ސައިކަލްތަކަށް ގެއްލުން ދިން މައްސަލަ ބަލައިދޭން އެދިއްޖެ އެވެ.

ވިލިގިލީގައި ސައިކަލުތަކަކަށް ގެއްލުން ދީފައިވަނީ ހުކުރު ދުވަހުގެ ރޭގެ ދަންވަރު ވަގުތެއްގައެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ސައިކަލުތަކަށް ގެއްލުން ދޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމު ކޮށްފައެވެ.

އެ މީހުން ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ސައިކަލްތަކުގެ ހަންތައް ފަޅާލާފައެވެ. އަދި މަޑީގައި ކަޓަަރު އަޅާ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޖުމްލަ 12 ސައިކަލަށް ގެއްލުން ދީފައިވެއެވެ. އެއީ މުޅީންވެސް އިންތިގެ ކެމްޕެއިންގައި އުޅު މީހުންގެ ސައިކަލްތަކެވެ.

އިމްތިޔާޒްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެކަން ކުރި މީހުން ރަށުގެ އެންމެނަށްވެސް އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ. ގއ. ވިލިގިލިން އިންތިއަށް ވޯޓުދޭން ތިބި މީހުން، ވޯޓުލާ މަރުކަޒަށް ގެންދިޔުމަށް ބޭނުންކޮށްފާނެހެން ހީވާ ހުރިހާ ސައިކަލުތައް އެ މީހުން ފާހަގަކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ސައިކަލްތަކަށް ގެއްލުންދީ ހަލާކުކުރުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ޗެއާޕާސަން އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކު އިންތިހާބު ކާާމިޔާބުކޮށް ޗެއާޕާސަންގެ މަގާމަށް ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިމްތިޔާޒު ފަހްމީއަށް ލިބިފައިވަނީ 42 ޕަސެންޓް ވޯޓެވެ.

އިންތިހާބުގެ ކެމްޕެއިންގައި ދެ ފަރާތުންވެސް ވަނީ ބަހުގެ ހަމަލާތަކާއި ބޮޑެތި ތުހުމަތުތައް ފެންމަތި ކުރައްވާފައެވެ. ރަށްރަށުގައިވެސް އެމްޑީޕީގެ މެންބަރުން ދެބައިވެ ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުނެވެ.