ބޮލީވުޑް

"ހީރާ ޕޭރީ 3" ކުޅުމުގެ ޝައުގެއް ނެތް: ފަރޭޝް ރާވަލް

"ހީރާ ޕޭރީ"ގެ ފުރަތަމަ ފިލްމު ރިލީޒްވިތާ މިހާރު 22 އަހަރު ފުރިއްޖެ އެވެ. މިހާ ގިނަ ދުވަސް ވީއިރު ވެސް އަދިވެސް ގިނަ ބަޔަކު މުނިފޫހި ފިލުވަން މި ފިލްމު ބަލާ އުޅެ އެވެ. ގިނަ ފޭނުން ގަބޫލުކުރާ ގޮތުގައި މިކަހަލަ މަޖާ ކޮމެޑީ ފިލްމުތަކެއް މިހާރަކަށް އައިސް ބަލާލާކަށް ނުލިބެ އެވެ. ބައެއް މީހުން މި ފިލްމު ތަކުރާރުކޮށް އެތައް ފަހަރަކު ބަލާފައިވާ ކަމަށް ވެސް ބުނެ އެވެ.

އޭގެ ފަހުން "ހީރާ ޕޭރީ 2" ވެސް އުފައްދާ ރިލީޒްކޮށްފައި ވެއެވެ. އަދި މީގެ ތިން ވަނަ ފިލްމަކަށް ވެސް ބެލުންތެރިން މިހާރު ދަނީ އިންތިޒާރުކުރަމުންނެވެ.

"ހީރާ ޕޭރީ" ފިލްމުތަކުގައި އުޅޭ ކެރެކްޓާތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގްބޫލީ ޕަރޭޝް ރާވަލް ކުޅޭ "ބާބޫރާއޯ" ގެ ކެރެކްޓާ އެވެ. ނަމަވެސް އަލަށް އުފައްދާ "ހީރާ ޕޭރީ 3"ގައި ހަމަ އެ ކެރެކްޓާ ކުޅޭކަށް ޕަރޭޝް އެހާ ބޭނުމެއް ނޫނެވެ. އޭނާއަށް ހިވަނީ އަބަދު އެއް ޖޯކު ތަކެއް ރިޕީޓް ކުރެވޭ ހެންނެވެ. ވީމާ އާ ފިލްމުގައި ވަރަށް ތަފާތު އަދި ޔުނީކް ވާހަކައެއް ހުށަހަޅައި ނުދޭނަމަ އެ ފިލްމަށް ޕަރޭޝްގެ ޝައުގެއް ނެތެވެ. އަދި "ހީރާ ޕޭރީ 3" ކުޅެ ދޭން ހުށަހަޅައިފިނަމަ ވަރަށް ބޮޑު އަގެއް އޭނާ އެ ފިލްމު ކުޅެދޭން ކިޔާނެ އެވެ.

"މި ސިލްސިލާގެ ކުރީގެ ފިލްމުތަކުގައި އަހަރެން ކުޅުނު ގަންޖުފަރާހަކާއި މުންޑެއް އަނދެގެން އައިނެއް އަޅައިގެން އުޅޭ ބާބޫރާއޯގެ ކެރެކްޓާ އަނެއްކާވެސް ކުޅެން ޖެހިއްޖެނަމަ ވަރަށް ބޮޑު އަގެއް ކިޔާނަން. ސަބަބަކީ އަހަރެން އެ ކެރެކްޓާ އިތުރަށް ކުޅޭހިތް ނެތީމަ. މިހާރު ދެން އަހަރެން އެ ފިލްމު ކުޅެދޭން އެއްބަސް ވިޔަސް ވާނީ އަތްމަތި ދަތިކަމުން ފައިސާގެ ބޭނުން ޖެހިފައި އޮތް މިންވަރުން،" ޕަރޭޝް ބުންޏެވެ.

ޕްރިޔަދަރްޝަން ޑައިރެކްޓްކޮށް 2000 ވަނަ އަހަރު ރިލީޒްކުރި "ހީރާ ޕޭރީ" ގައި ޕަރޭޝްގެ އިތުރުން އަކްޝޭ ކުމާރާއި ތައްބޫ ބައިވެރިވެ އެވެ. އަދި އޭގެ ފަހުން 2006 ގައި އުފައްދައި ރިލީޒްކުރި "ހީރާ ޕޭރީ 2" ޑައިރެކްޓްކުރީ ނީރަޖް ވޯރާ އެވެ.

މީގެ ތިން ވަނަ ފިލްމެއް ވަރަށް އަވަހަށް ފަށަން އުޅޭ ކަމުގެ ވާހަކަތައް ދެކެވުނަސް ޕަރޭޝް ފަދަ ގިނަ ބަޔެއްގެ ޚިޔާލު ތަފާތު ކަމުން ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަނީ ބުރޫ އަރާ އެވެ.