ޖޭއެސްސީ

ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށް ޖޭއެސްސީން ރައްދުދީފި

May 18, 2022

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެން ޖޭއެސްސީގެ ނިންމުން އެ ކޮމިޝަނުން ދިފާއުކޮށްފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދު ފްލެޓް ހޯދި މައްސަލަ ޖޭއެސްސީން ތަހުގީގުކުރީ ގާނޫނުއަސާސީއާ އަދި އިޖުރާއަތާ ހިލާފަށް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައިވެ އެވެ.

ކޮމިޓީގެ ނިންމުންތައް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތާ ހަވާލާދީ ޖޭއެސްސީން ވަނީ ކޮމިޓީގެ މުހިއްމު ނިންމުންތަކަށް ރައްދު ދީފަ އެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކުރާ އެއް ކަމަކީ ދެ ފަނޑިޔާރުންގެ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ޖޭއެސްސީން ރިއާޔަތްކޮށްފައިވާ މައްސަލަ އެވެ. އެކަމަށް ރައްދު ދެމުން ޖޭއެސްސީން ބުނީ ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދުއާ މެދު ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ މައްސަލަ ކަމަށެވެ. މައްސަލައިގެ މައިގަނޑު ނިންމުމަކީ 20،000 ރުފިޔާގެ ޑައުންޕޭމަންޓަކަށް ނިމިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީ މެދުވެރިވެ ގާނޫނުއަސާސީއާ ހިލާފަށް ދެ ފަނޑިޔާރުން މާލެއިން ފްލެޓް ހޯދުން ކަމަށާއި އެކަން އެގޮތުގެ މަތިން ހިނގާފައިވާކަން ކޮމިޝަނަށް ސާބިތުވެސްވާ ކަމަށެވެ.

"މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވެ އެވެ." ބަޔާނުގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކޮށްފައިވާ އަނެއް ކަމަކީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވުމެވެ.

އެކަމަށް ޖަވާބު ދެމުން ޖޭއެސްސީން ބުނީ މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެެއް ކަމަށެވެ. ގާނޫނުގައި ބަޔާންކުރަނީ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދުއާ މެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ. އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވުނު ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

"މި ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މިތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މިގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފަ އެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކޮށްފައިވާ ތިންވަނަ ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވި މައްސަލަ އެވެ. އެކަމާ ގުޅިގެން ޖޭއެސްސީން ބުނީ ދެ ފަނޑިޔާރުންގެ މައްސަލަ ކޮމިޝަނުން ތަހުގީގުކުރިއިރު ދެ ކޮމިޓީއެއް ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެންބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަންކޮށްފައިވާނެ ކަމަށެވެ. އެކަމަކު ކޮމިޓީއަށް ކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

"ބަޔާންވެ ދިޔަ ފަދައިން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދުއާ މެދު މި ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.