ގައުމީ ޔުނިވާސިޓީ

އެމްއެންޔޫ އިން ފުރަތަމަ ފަހަރަށް ވަޒީފާގެ މައުރަޒެއް ބާއްވަނީ

May 18, 2022

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ވަޒީފާ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޔޫ ފަހި ފުރުސަތުގެ ނަމުގައި މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގަ އެވެ.

އެމްއެންޔޫ އިން ބުނީ މިމައުރަޒަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކާއި، އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއީރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ މައުރަޒެއް ކަމަށެވެ.

މި މައުރަޒު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން އަދި ހިލޭ ވަދެވޭ ގޮތަށެވެ.

މިމައުރަޒުގެ މަގުސަދަކީ މާލެއާއި އަތޮޅު ތެރޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ލިބޭނެ ގޮތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ލިބޭނެފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ގޮތް ތަނަވަސްކޮށްދީ އެފަދަ މާހައުލެއް ގާއިމުކުރުމެވެ.

މީގެއިތުރުން އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި އެ ދާއިރާއާ ގުޅޭނެ ފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި އެފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމަކީ ވެސް މަގުސަދެކެވެ. އަދި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުސަތެއް ޔުނިވަސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުމަކީވެސް މި މައުރަޒުގެ މަގުސަދެކެވެ.

މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން ކަމާ ގުޅޭ ފޯމް ހުށަހަޅަންޖެހެ އެވެ.