ދުނިޔެ

ސައުތު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު ނުބަހައްޓާނެ

ދެކުނު ކޮރެއާގައި އަސްކަރީ ދަރަޖައިގެ ނިއުކްލިއާ ހަތިޔާރު ނުބަހައްޓާނެ ކަމަށް އެ ގައުމުގެ ރައީސް ޔުން ސޮން ޔޫރި ވިދާޅުވެއްޖެ އެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ހޯދައި ގެންގޮސް ދެކުނު ކޮރެއާގައި ނުބަހައްޓާނެ ކަމަށާއި އެފަދަ ވިސްނުމެއް ވެސް ތިލަ ނުކުރައްވާނެ ކަމަށެވެ.

ޔުން ސޮން ޔުރި ވިދާޅުވި ގޮތުގައި ސަރަހައްދީ މަސްލަހަތުގައި އުތުރު ކޮރެއާގެ ބިރު ބޮޑެވެ. އެހެން ނަމަވެސް، ދެކުނު ކޮރެއާ އަކީ ނިއުކްލިއާ ހަތިޔާރުން ތަޣައްޔަރު ފަސްގަނޑަކަށް ނުހައްދަވާނެ ކަމަށެވެ.

އުތުރު ކޮރެއާއިން މާބޮޑަށް އަނިޔާވެރި ވެއްޖެ ނަމަ އެމެރިކާގެ އެހީތެރިކަން އަބަދު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެފަދަ ހާލަތެއްގައި ވެސް ބޭނުން ކުރައްވާނީ މިސައިލާއި ރޮކެޓް ކަމަށެވެ.

ދެކުނުގައި މިިހާރު ވެސް ނިއުކްލިއާ ހުރެ އެވެ. އެއީ އެކަމަކު ހަކަތަ އުފެއްދޭ ފެންވަރަށެވެ. ދެކުނު ކޮރެއާއަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް ނިއުކްލިއާ ރިއެކްޓަރުތަކުން ފުއްދަ އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުގައި އެއީ ބާރުގަދަ ނިއުކްލިއާ ގައުމެކެވެ. އެންމެ ޒަމާނީ ނިއުކްލިއާ ކުޅަދާނަކަން އެ ގައުމުގައި އެބަ ހުއްޓެވެ.

ޔުން ވިދާޅުވި ގޮތުގައި ފަނާ ކުރަނިވި ނިއުކްލިއާ ބާރުވެރިކަމަށް ދެކުނުން ދުވަހަކު ވެސް އެއްބާލުމެއް ނުދެއްވާނެ އެވެ. އެހެން ނަމަވެސް މަދަނީ ބޭނުންތަކަށް، ހަކަތަ އުފެއްދުމަށާއި ބޭސްވެރިކަމަށް ބޭނުންވާ މިންވަރަށް ނިއުކްލިއާ ވަސީލަތްތައް ދެކުނުގައި ގާއިމު ކުރައްވާނެ އެވެ.

އުތުރު ކޮރެއާ އަކީ ދެކުނު ކޮރެއާއަށް އަދި ޖަޕާނަށް ވެސް އޮތް ނުރައްކަލެކެވެ. ޚިޔާލު ތަފާތު ވެގެންދާ ދަނޑިވަޅެއްގައި އުތުރުން ބާރުގަދަ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަށް އެއްވެސް ބަޔަކަށް ނެތެވެ.

އެމެރިކާ ބުނާ ގޮތުން ސަރަހައްދީ މަސްލަހަތު ނަގާލަށް އުތުރުން ކުރާ ކޮންމެ ކަމެއް ހުއްޓުވާނެ އެވެ. އަދި ގަދަބާރާއެކު ރައްދު ދޭނެ އެވެ.