މި އަހަރުގެ ހައްޖަށް ދިއުމަށް އާއްމުންނަށް ހުޅުވާލެވޭ 100 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ އެވެ. އެ ހުރިހާ ކޯޓާއެއް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އާންމުންނަށް ހާއްސަ 100 ކޯޓާގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. މިގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނަގާނެ އެވެ. އަދި ވެއިޓިން ކިއޫ އެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ އެވެ.
ފުރަތަމަ 100 ޖާގައަށް ނެގޭ މީހުންގެ ތެރެއިން މީހަކު އެއްވެސް ސަބަބަކާހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަދެމުން ގެންދާނެ އެވެ. ގުރުއަތުން ހޮވޭ މީހުންގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ އެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ ޖާގަ ގެއްލޭނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960 ރުފިޔާ ކަމަށެވެ. މި ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ 100 ޖާގައަށް ކުރިމަތިލެވޭނީ ފަރުޟު ހައްޖު އަދާކޮށްފައިވާ ނުވާ މީހުންނާއި ޖޫން 15، 2022 އަށް އުމުރުން 65 އަހަރު ފުރިފައިނުވާ އަދި ކޮވިޑް ވެކްޝިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ. މިކޯޓާގެ ދަށުން ކުރިމަތިލުމަށް ދެ ކެޓަގަރީއެއް ވެއެވެ. އޭގެ ތެރޭގައި ހިމެނޭ ދެ މީހުންގެ ކެޓަރީއަށް ކުރިމަތިލެވޭނީ މުރުން 45 އަހަރު ނުފުރޭ އަންހެންނާއި ދެމަފިރިންނާއި ބަލިހާލަތު ހުރިގޮތުން އެކަނި ހައްޖުގެ އަޅުކަން އަދާ ނުކުރެވޭ މީހުންނަށެވެ.
މި ޖާގަތަކަށް ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެއި 30 އިން ޖޫން 2 އަށް ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ އެވެ.