ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ "އޮފް ސީޒަން" ނިމިއްޖެ: މައުސޫމް

May 30, 2022

ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މިހާރު "އޮފް ސީޒަނެއް" ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި އޮފް ސީޒަނެއް ނެތް ކަމަށް އެމަނިކުފާނުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އެންމެ އިސް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު ބުނި ވާހަކައެއް ނޫން. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ޕައިނިއަރުން ކަމުގައި ހިމެނޭ ބޭފުޅުން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މިފަހަރު ބޭއްވި ޕައިނިއާ ސްޓޯލްގައި ވާހަކަފުޅު ދައްކަވަމުން ވެސް އެ ވާހަކަފުޅު ވިދާޅުވި މިހާރު އެ ސީޒަން ނެތޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާލުމުން ވެސް ރާއްޖޭގައި އޮފް ސީޒަނެއް ނެތް ކަން ހާމަވާ ކަމަށެވެ. އެގޮތުން އަޅާކިޔުއްވީ ކޮވިޑްގެ ކުރިން 2019 އަހަރުގެ މެއި މަހުގެ ތަފާސްހިސާބާއި މިއަހަރުގެ މެއި މަހުގެ ތަފާސްހިސާބެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ހިނގަމުން މިދާ މަހުގެ ނަންބަރުތަކަށް ބަލާއިރު 2019 އަހަރުގެ މެއި މަހުގެ ނަންބަރުތަކަށް ވުރެ 23.3 އިންސައްތަ ކުރީގައި މިހާރު ވެސް ނަންބަރުތައް އުޅޭ ކަމަށެވެ.

"އެހެންވީމާ ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް މިހާރު ލޯ ސީޒަން ދިޔައީ ކަމަށް. އެހެންނަމަވެސް މިއަހަރު އަދި މުޅިން އެއްކޮށް ރިކަވާއެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ޖުމްލަކޮށް ރަނގަޅު ނަމަވެސް ކުދި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އޮކިއުޕަންސީ ރޭޓް މިވަގުތު ދަށް ކަމަށެވެ. އެތަންތަނުގެ އޮކިއުޕަންސީ ރަނގަޅު ކުރެވޭނީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ރަނގަޅު ކުރެވިގެން ކަމުގައިވެސް ވިދާޅުވި އެވެ. ހދ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފަށާފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގައި ގެސްޓްހައުސް އަދި ސަފާރީގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަޝިއާ ޔުކްރޭން ހަނގުރާމަ ފެށުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖޭގެ ކުދި ހޮޓާތަކާއި ގެސްޓްހައުސްތަކާ އަދި ސަފާރީތަކަށް ކަމަށެވެ. އެހެންކަމުން އެ މާކެޓްތަކުގެ ވިޔަފާރިއާ ދޭތެރޭ ވިސްނަންޖެހޭ ކަމަށާއި އަދި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާއިރު ވެސް އެ މާކެޓަށް ބަލަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ދުނިޔޭގެ ވާދަވެރި މާކެޓްތަކާ އަޅާބަލާއިރު ރާއްޖޭގެ އިޝްތިހާރު ބަޖެޓް ކުޑަކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.