ޑރ. އަބްދުﷲ މައުސޫމް

ކުލި ނުދެއްކިޔަސް ހުއްދަ ބާތިލްކުރުމުގެ ވިސްނުމެއް ނެތް: މައުސޫމު

May 30, 2022
1

ބައެއް ރިސޯޓު ތަކުން ދައުލަތަށް ކުލި ނުދައްކާ ހިންގަމުން ދިޔަ ނަމަވެސް މިވަގުތު އެ ރިސޯޓްތަކުގެ ލައިސަންސް ބާތިލްކޮށް އެފަދަ ރިސޯޓްތައް ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ކުލި ނުދައްކާ ރިސޯޓްތަކުގެ ލައިސަންސް އަތުލައި ތަން ބަންދުކުރުމަކީ މިނިސްޓްރީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން މިވަގުތު އިސްކަންދެނީ މަޝްވަރާކޮށްގެން ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށެވެ. ތަނެއް ބަންދުކުރުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމަކީ ވެސް ސަރުކާރުން ވިސްނަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. ފައިސާ ލިބެމުންދާ ކަންވެސް ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ކުލި ނުދައްކާ އޮތް 18 ރިސޯޓަކަށް ނޯޓިސް ދީގެން ފައިސާ ހޯދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ މައްސަލަ އަކީ އަވަސް އަދި ދާއިމީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ދައުލަތުގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. ރިސޯޓްތަކަށް ފިޔަވަޅު އެޅުމުގައި ސިޔާސީ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމުގެ މި ޖަވާބާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު މައުސޫމް ދެއްކެވީ ވަޒީރަކު ދައްކަވާ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ.

ކުލި ނުދައްކާ ރިސޯޓްތައް

  • ތްރީއޭ ކުންފުނީގެ ފިލިތެޔޮ
  • އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
  • އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
  • ރީކޯ މޫސަގެ ރަހާ ރިސޯޓް
  • ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
  • ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
  • އައްޑޫ ސައުތު ޕާމް މޯލްޑިވްސް
  • ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
  • ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
  • ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

ދައުލަތުގެ ޓެކްސް އިދާރާ -- މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުލި ނުދައްކާ ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 17 ބިލިއަން ރުފިޔާ ލިބެންޖެހެ އެވެ. ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް ވެސް ވަނީ ލަފާ ދެއްވާފަ އެވެ.